އެމެރިކާގައި ކޭސްތައް އިތުރުވެ ބައެއް ސްޓޭޓްތައް ލޮކްޑައުނަށް
އެމެރިކާގައި ކޭސްތައް އިތުރުވެ ބައެއް ސްޓޭޓްތައް ލޮކްޑައުނަށް

ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިިކާގައި ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ ބައެއް ސްޓޭޓްތައް ލޮކްޑައުން ކުރަން ފަށައިފި އެވެ.

މިޝިގިން އާއި ވޮޝިންޓަނުން މިހާރު ވަނީ ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ. ހައި ސްކޫލާއި ކޮލެޖްތަކުގައި ކިޔަވައިދިނުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. މިޝިގަންގައި ބުދަ ދުވަހުން ފެށިގެން ރެސްޓޯރެންޓްތަކުގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުން ހުއްޓާލާނެ އެވެ. ވޮޝިންޓަނުގައި ރެސްޓޯރެންޓްތައް ބަންދު ކުރުމުގެ އިތުރުން ޖިމްތަކާއި ސިނަމާތަކާއި ތިއޭޓަރުތައް އަދި މިއުޒިމްތައް ވެސް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 މިލިއަނަށް އަރާފައިވާ އިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެވްރެޖްކޮށް ދުވާލަކު މިހާރު ދަނީ 1،000 މީހުން މަރުވަމުންނެވެ. އެ ގައުމުން މިހާތަނަށް ވަނީ 250،000 މީހުން މަރުވެފަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން މިހާރު ވަނީ ޑިސެމްބަރުން ފެށިގެން 20 މިލިއަން ވެކްސިން އެކި ފަރާތްތަކަށް ދޫކުރާނެ ކަމަށް ބުނެފަ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަންގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާތަކަށް ސަރުކާރުން އެއްބާރުލުން ނުދިނުމުން ވެކްސިނޭޝަން ކެމްޕޭނާ ބެހޭ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

ވޮޝިންޓަނުގައި އިއުލާންކުރި ފިޔަވަޅުތައް ހޯމަ ދުވަހުން ފެށިގެން ތަންފީޒްކުރަން ފަށާނެ އެވެ. ގަވަރުނަރު ޖޭ އިންސްލީ ވިދާޅުވީ އެމެރިކާގެ 100 އަހަރުގެ ތާރީޚުގައި ވެސް ނޮވެމްބަރު 15 ވަނަ ދުވަހަކީ އާއްމު ސިއްހަތުގެ އެންމެ ނުރައްކާ ދުވަސް ކަމަށެވެ.

ޓެކްސަސް އާއި ކެލިފޯނިއާ ކޮންމެ ސްޓޭޓަކުން ވަނީ އެއް މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.