16 ނޮވެމްބަރ 2020 - 18:24

ހުއްދަ ނެތި މުއާމަލާތްކުރާ ބޭރު ފައިސާގެ ދަރަނީގެ މައްސަލަތަކާއި ރިބާ ހިމެނޭ ބައުންސް ޗެކްތަކުގެ މައްސަލަތަކުގައި ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާތީ، އެފަދަ މައްސަލަތަކުގައި ޖިނާއީ ތަހުގީގު ނުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ޗެކް ބައުންސްގެ މައްސަލަތަކާ ގުޅޭގޮތުން ފުލުހުންގެ ވެބްސައިޓުގައި އިއްޔެ ބުނީ، މާޗު 15، 2020 އިން ފެށިގެން ޕީޖީ އޮފީހުން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރަން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހަޅާ މައްސަލަތަކާއި މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭ ނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގެ އަސްލު އަގާ މެދު ދެބަސްވާ ހާލަތުގައި އަސްލު އަގު ސާބިތުކުރުމަށް ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ނުކުރާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތަކާ ގުޅިގެން ފައިސާ ދައްކަން ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫން ވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކަކަށްވާ ނަމަ އެފަދަ މައްސަލަތައް ނުވަތަ ދެ މީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކަން ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައި ވެސް ދައުވާ ނުކުރަން ނިންމާފައިވާއިރު ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ބަހާ ގޮތަށް އެއްބަސްވެގެން ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ނުކުރަން ވަނީ ނިންމައިފަ އެވެ.
ޗެކް ބައުންސްގެ މައްސަލައިގައި ޖިނާއީ ދައުވާނުކުރިއަސް، އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ މަދަނީ ގެއްލުމުގެ ބަދަލު ހޯދަން އެ މީހަކު އަމިއްލަ އަށް ކޯޓަށް ހުށަހެޅޭނެ އެވެ. އަދި ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާކުރަން ފޮނުވާފަހުން ޗެކަށްވާ ފައިސާ، ބަދަލު ލިބޭ ފަރާތަށް ދައްކައި ހަލާސްކުރިއަސް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދަން ޕީޖީ އޮފީހުން ނިންމާފައިވެ އެވެ.
ހެންވެ، ޗެކް މެދުވެރިކޮށް މުއާމަލާތް ކުރުމުގައި ސަމާލުކަންދީ ރައްކާތެރިކަމާ އެކު ކުރާ މުއާމަލާތެއްކަން ކަށަވަރު ކުރަން ފުލުހުން އެދިފައިވެ އެވެ.