02 ނޮވެމްބަރ 2016 - 12:29

ކޯޕެންހޭގަން، ޑެންމާކް (ނޮވެމްބަރު 2) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދައި ލެސްޓާ ސިޓީގެ ވާހަކައިގައި އާ ޗެޕްޓަރެއް ލިޔަން ކެތްމަދުވެފައި ހުރި ކަމަށް ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ މި ފަހަރު ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާއިރު މި މުބާރާތުގައި މިހާތަނަށް އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މިރޭ ރަށުން ބޭރުގައި ކޮޕެންހާގެން އަތުން މޮޅުވެއްޖެނަމަ ލެސްޓާ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ.
"މި ސީޒަނުގައި އަހަރެމެން ފެންނަނީ ދެ މުބާރާތުގައި ދެ ގޮތަކަށް. ޗެމްޕިއަންސް ލީގުގައި އަހަރެމެން ވަަރަށް މޮޅަށް އެބަކުޅޭ. އެކަމަކު ޕްރިމިއާ ލީގުގައި މިދަނީ އެހެން ގޮތަކަށް. އެކަމަކު ފަހަކަށް އައިސް ލީގުގައި ވެސް ކުޅުން ރަނގަޅުވެއްޖެ. މިހާރު ބޭނުންވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދައި ލެސްޓާ ވާހަކައިގެ އާ ޗެޕްޓަރެއް ލިޔަން،" ކުރިން ޗެލްސީ އާއި ރޯމާ އަށް ކޯޗުކޮށްދިން ރަނިއޭރީ ބުންޏެވެ.
ލެސްޓާ މި ވަގުތު ގްރޫޕް ޖީގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކޯޕެންހޭގަން އާއި ތިން ވަނައިގައި އޮތް ޕޯޓޯ އަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ކްލަބް ބްރޫޖަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.
ރަނިއޭރީ ބުނީ ފަހު ތިން މެޗަށް ކުރިމަތިލާއިރު ހުރިހާ ޓީމަކުން ވެސް ކުރިއަށް ވުރެން ނަތީޖާތަށް ރަނގަޅުކޮށް ދެ ވަނަ ބުރުން ޖާގަ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"ކޮންމެ ޓީމެއް ވެސް ދެ ވަނަ ބުރުން ޖާގަ ހޯދަން މި ތިން މެޗުގައި ދެ ގުނައަށް މަސައްކަތް ކުރާނެ. އަހަރެމެން ފުރަތަމަ ތިން މެޗުން މޮޅުވިޔަސް އަތް އުރާލައިގެން ތިބެވެން ނެތް. ދެން އޮތް ތިން މެޗުގައި ވެސް ނަތީޖާ ނެރެން ބޭނުން،" ރަނިއޭރީ ބުންޏެވެ.
އޭނާ ބުނީ އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި އަލްޖީރިއާގެ ފޯވާޑް އިސްލާމް ސްލިމާނީ އަށް ނުކުޅެވުނު ނަމަވެސް ނައިޖީރިއާގެ ފޯވާޑް އަހުމަދު މޫސާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޮޕެންހާގެން ދަނޑުގައި ލެސްޓާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.