ފްލޫ ކްލިނިކްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވެއްޖެ
ފްލޫ ކްލިނިކްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވެއްޖެ

ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެޗްއީއޯސީގެ މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ މަހުގެ ފަހުކޮޅު ވަރަށް ދަށްވި ކަމަށެވެ.

"އެހެން ނަމަވެސް ވޭތުވެ ދިޔަ ދެ ހަފްތާގައި ކޮންމެ ވެސް ވަރަކަށް ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާ ކަމަށް [ފާހަގަކުރެވޭ]، ފްލޫ ކްލިނިކަށް މި ދަނީ ބަލީގެ އަލާމާތްތައް ހުންނަ މީހުން،" ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީ އިން ރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ފްލޫ ކްލިނިކުން ކޮވިޑަށް ޕޮޒިޓިވްވާ ވަރު މިދިޔަ މަހުގެ ފަހު ކޮޅު ހުރީ ހަތަރު ޕަސެންޓުގަ އެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ހަފްތާގައި އެ އަދަދު ހަ ޕަސެންޓަށް މަތިވެ މިދިޔަ ހަފްތާގައި އެ އަދަދު ވަނީ ހަތް ޕަސެންޓަށް އަރައިފަ އެވެ.

މިދިޔަ ހަފްތާގައި ފްލޫ ކްލިނިކްތަކުން 465 ސާމްޕަލް ނެގި އިރު، 31 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި ވިޔަސް ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާ ނަމަ ސަމާލުވާން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ސަމާލުކަން ދޭން ޖެހޭ، ކޮވިޑް އަޅުގަނޑުމެންގެ ތެރެއިން މި ދަނީކީ ނޫން ކަން ކޭސް މަދުވެގެން ދިޔަ ނަމަވެސް. ހަމަ ކޮންމެ އިރަަކުވެސް ކޭސްތައް އިތުރުވުމުގެ ފުރުސަތު އޮންނާނެކަން ހަމަ އަޅުގަނޑުމެން ހަނދާންކޮށްދޭން ބޭނުން،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ނަޒްލާ އެދިވަޑައިގަތެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ ކޮންޓެކްޓް ބަބްލު ނުވަތަ ބައްދަލުވެ އުޅޭ މީހުންގެ އަދަދު ވީހާ ވެސް މަދުކުރުމަށް ނަޒްލާ އިލްތިމާސްކުރެއްވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 12،204 މީހުންނެވެ. އޭގެ ތެރެއިން 44 މީހަކު ވަނީ މަރުވެފަ އެވެ. އަދި 90 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.