17 ނޮވެމްބަރ 2020 - 08:48

ސޮނީ ޓީވީން ގެނެސްދޭ މަޝްހޫރު ލަވަ ޝޯ "އިންޑިއަން އައިޑޮލް" ގެ 12 ވަނަ ސީޒަން މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަށަން ނިންމައިފި އެވެ.
ޝޯގެ ޕްރޮމޯތައް ވެސް ސޮނީ ދައްކަމުން އަންނަ އިރު، އެ ޗެނެލުން ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާ" ގެ އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްގައި ވެސް ވަނީ "އިންޑިއަން އައިޑޮލް 12" ގެ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ބާއްވައިފަ އެވެ. އެގޮތުން ދެ ފިރިހެން ޖަޖުން ކަމަށްވާ ވިޝާލް ދަދުލާނީ އާއި ހިމޭޝް ރޭޝަމިއާ އާއި ޝޯގެ ހޯސްޓް އަދިތިޔާ ނާރަޔަން މެހުމާނުންގެ ގޮތުގައި ބައިވެރިވެ، އިންޑިއަން އައިޑޮލްއާ ބެހޭ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.
"އިންޑިއަން އައިޑޮލް" ގެ އަންހެން ޖަޖަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރެވެ. އޭނާ މިދިޔަ މަހުގެ 24 ގައި ކައިވެނިކޮށް، ފިރިމީހާ ރޯހަންޕްރީތު ސިންގްއާ އެކު މި ވަގުތު އަންނަނީ ދުބާއީގައި ހަނީމޫން ހޭދަކުރަމުންނެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ރޭ "އިންޑިއަން އައިޑޮލް 12" ފަށާނީ އޮޑިޝަންގެ ޝޯތަކުންނެވެ. ޝޯގެ އެޕިސޯޑްތައް ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ގެނެސްދޭނެ އެވެ.
"އިންޑިއަން އައިޑޮލް 12" 28 ގައި ފަށާ އިރު، "އިންޑިއާސް ބެސްޓް ޑާންސާ" ގެ ފިނާލޭ ޝޯ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ގެނެސްދޭނެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ނިންމައިލި "އިންޑިއަން އައިޑޮލް 11" ކާމިޔާބުކޮށްފައި ވަނީ ސަނީ ހިންދުސްތާނީ އެވެ. ސޮނީން އިންޑިއަން އައިޑޮލް ގެނެސްދެނީ 2004 އިން ފެށިގެންނެވެ.