16 ނޮވެމްބަރ 2020 - 08:39

ކޮވިޑް-19 ޖެހިގެން ރާއްޖޭން ރޭ ވެސް މީހަކު މަރުވި ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. މިއީ ކޮވިޑްގައި ރާއްޖޭން އިއްޔެ މަރުވި ދެ ވަނަ މީހާ އެވެ.
ކޮވިޑްގެ ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި އޭނާ މަރުވީ ރޭ 11:32 ގަ އެވެ. މިއީ މި ބަލީގައި ރާއްޖޭން މަރުވި 44 ވަނަ މީހާ އެވެ.
އިއްޔެ ފުރަތަމަ މަރުވީ އުމުރުން 79 އަަހަރުގެ ފިރިހެނެކެވެ. އެއީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.
މި މަހުގެ މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް ޖެހިގެން ހަ މީހަކު މަރުވެފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މަދުވެފައި ވިޔަސް މި ބަލި ޖެހުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މި ފަހުން ވަނީ ނިސްބަތުން އިތުރުވެފަ އެވެ. ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވި ގޮތުގައި ހަދަމުން އަންނަ ރިސޯޓަކުންނާއި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ވަނީ ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނިފަ އެވެ. އަދި ފްލޫ ކްލިނިކުން ޕޮޒިޓިވްވާ ރޭޓް ވެސް މަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަނުކުރުމަށް ނަޒްލާ އިލްތިމާސްކުރެއްވި އެވެ.
އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 12,204 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން 11,289 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.