16 ނޮވެމްބަރ 2020 - 09:22

ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ވިންގާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ކްލަބް ވެލެންސިއާއާ ގުޅި އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވެއްޖެ އެވެ.

އަނިޔާގެ މައްސަލަތަކާއި އެކި ސަބަބުތަކާ ހުރެ 2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ފަހު ބޮކުރީ ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން ނުފެނެ އެވެ. ފުރަތަމަ ޑިވިޝަނުން ވަކިވި ފަހުން ބޮކުރީ 2018 ވަނަ އަހަރު ފެނުނީ ދެ ވަނަ ޑިވިޝަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. މި އަހަރު ކުޅުނު މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ވެލެންސިއާ އިން ވަރުގަަދަ ސްކޮޑެއް އެކުލަވާލިއިރު އެ ޓީމަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ބޮކުރީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން ބޮކުރީ ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާގައި ދެއްކި ކުޅުން ރަނގަޅުވުމުން އެ ޓީމުން މި ވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރަން ފަށާއިރު ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އޭނާގެ ސޮއި ވެސް ހޯދައިފަ އެވެ. މިއީ ދެ ސީޒަނަށް ފަހު ފުރަތަމަ ޑިވިޝަނަށް ބޮކުރީ ވެސް އެނބުރި އައުމެކެވެ. ބޮކުރީ އަންނަނީ މި މަހު ހަތަރު ވަނަ ދުވަހުން ފެށިގެން ވެލެންސިއާ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
އަލީ ސުޒޭންގެ ކޯޗުކަމުގައި ވިކްޓަރީން ވިދާލި ބޮކުރީ ދެން ފެނުނީ މާޒިޔާ އިންނެވެ. އެ ޓީމާ 2011 ވަނަ އަހަރު ގުޅުމަށް ފަހު ދެ ސީޒަން ހޭދަކުރިއިރު، ބޮކުރީ ވަނީ އެ ޓީމާ އެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު 2013 ވަނަ އަހަރު ބޮކުރީ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ވެލީޒާ ޕޮޕޯފްގެ ކޯޗުކަމުގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ ނިއުގެ ޓީމުގައި ބޮކުރީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެއަށް ފަހު 2014 ވަނަ އަހަރު ބޮކުރީ ފެނުނީ މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. އުފަން ރަށުގެ ޓީމު ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު، އެ ޓީމަށް ލީގުގެ ގަދަ ހައެއް ކަށަވަރުކޮށްދިނުމުގައި ބޮކުރީގެ ދައުރު ބޮޑެވެ. އަލުން 2015 ވަނަ އަހަރު އޭއެފްސީ ކަޕްގެ މެޗެއްގައި ބޮކުރީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ. އޮޕަރޭޝަނަކަށް ފަހު އެނބުރި ކުޅުމަށް އައިސް ބޮކުރީ ވަނީ އަލުން ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އެކަމަކު 2017 ވަނަ އަހަރުގެ ސީޒަނުގައި އަނިޔާގެ މައްސަލަތައް ތަކުރާރުވާތީ އޭނާ އަށް އެ ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނުއިރު ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލީ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި ގިނަ މެޗުތަކެއް ކުޅެފައިވާ ބޮކުރީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެދިން މެޗަކީ 2017 ވަނަ އަހަރުގެ މާޗް މަހުގައި އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭނާ އެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ބޮކުރީގެ އިތުރުން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު ނިއު ރޭޑިއަންޓްގުގެ ކުރީގެ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ޓީސީ އާއި ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު ނަސޫހު ރަޝީދު (ޕިލާ) އާއި ނިއު އާއި ޓީސީ އަދި މާޒިޔާ އަށް ކުޅުނު މުހައްމަދު ސާމިރު ވެސް ވަނީ ވެލެންސިއާ އަށް ކުޅެން ނިންމައި އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ވެލެންސިއާ މި ސީޒަނުގައި ކުޅޭނީ ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުންނެވެ.