ބޭނުންވަނީ ސިޓީއާ މެދު ދެކޭގޮތް ބަދަލުކުރަން: ގާޑިއޯލާ
ބޭނުންވަނީ ސިޓީއާ މެދު ދެކޭގޮތް ބަދަލުކުރަން: ގާޑިއޯލާ

މެންޗެސްޓާ (ނޮވެމްބަރު 2) - ބޭނުންވަނީ ދުނިޔޭގެ ފުޓްބޯޅައިގައި މެންޗެސްޓާ ސިޓީއާ މެދު ދެކޭގޮތް ބަދަލުކުރަން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސިޓީން ވަނީ ބާސެލޯނާ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. ގާޑިއޯލާ ބުނީ ޔޫރަޕްގައި ސިޓީ އަކީ ޅަ ޓީމެއް ކަމަށާއި މިއީ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ބާސެލޯނާ އަކީ ޔޫރަޕްގެ ވަރުގަދަ ބާރެއް. ވަރުގަދަ ތާރީހެއް އެ ޓީމުގައި އެބައޮތް. އެކަމު ސިޓީގައި މި ޖެހެނީ ތާރީހެއް ބިނާކުރަން. ތާރީހެއް ބިނާކުރާއިރު އެބަޖެހޭ ނަން މަޝްހޫރު ވަރުގަދަ ޓީމުތައް ބަލިކުރަން. ބާސެލޯނާ އަކީ މި ވަގުތު ދުނިޔެ އަށް ބެލިޔަސް އެންމެ ވަރުގަދަ އެއް ޓީމު. އެ ޓީމު ބަލިކުރުމަކީ ފެށުމެއް. ބޭނުމީ މި ފިޔަވަޅު މަތީގައި ކުރިއަށްދާން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

މީގެ ދެ ހަފްތާ ކުރިން ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 4-0 އިންނެވެ. ރޭގެ މެޗުގައި ސިޓީގެ ފަރާތުން ފެނުނު ކުޅުމަށް ގާޑިއޯލާ ވަނީ ތައުރީފް ކޮށްފަ އެވެ.

"މެޗަށް ނުކުތްއިރު ވެސް އަހަރެން ކުޅުންތެރިން ގާތުގައި ބުނިން މިއީ ކުރިން ހެދުނު ގޯސްތައް ރަނގަޅު ކުރަން ލިބޭ ފުރުސަތު ކަމަށް. އެގޮތުގައި ކުޅުންތެރިން ހިފަހައްޓައިފި. އަހަރެން އަބަދުވެސް ބުނަން ބާސެލޯނާ އަތުން މޮޅުވެވޭނީ އެ ޓީމަށް ވުރެން ރަނގަޅަށް މަސައްކަތް ކޮށްގެންނޭ. ރޭގެ މެޗުގައި މި ފެނުނީ މޮޅުވާން ކެތްމަދުވެފައި ހުރި ކުޅުންތެރިންތަކެއް އެކަން ހާސިލްކުރަން ކުރި ހިތްވަރު،" ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގެ ކުރިން ބާސެލޯނާއާ ދެކޮޅަށް ސިޓީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ރޭގެ މެޗުތަކަށް ފަހު ބާސެލޯނާ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސިޓީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބެކަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސެލްޓިކްގެ އޮތީ ދެ ޕޮއިންޓާ އެކު އެވެ.