16 ނޮވެމްބަރ 2020 - 12:49

ދުބާއީ (ނޮވެމްބަރު 16) - ޔޫއޭއީގައި ދިރިއުޅޭ ކޮވިޑް-19 އަށް ފަރުވާ ދޭ ހުރިހާ ޑޮކްޓަރުންނާއި ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ޚާއްސަ ތަޖްރިބާކާރުންނަށް 10 އަހަރުގެ ރެސިޑެންސް ވިސާ ދޭން ނިންމައިފި އެވެ.
ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޔޫއޭއީގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އާއްމު ގޮތެއްގައި ދެނީ އެ މީހެއްގެ ވަޒީފާއާ ގުޅޭ ގޮތުން ކުރު މުއްދަތުގެ ވިސާއެކެވެ. ދިގު މުއްދަތުގެ ވިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގެ ތަޖްރިބާކާރުން ޝައުގުވެރި ކުރުވުމަށް ޔޫއޭއީ އިން މިިދިޔަ އަހަރު ވަނީ "ގޯލްޑަން" 10 އަހަރުގެ ވިސާ ޕްރޮގްރާމެއް ތައާރަފްކޮށްފަ އެވެ.
ދިހަ އަހަރުގެ ވިސާ ޕްރޮގްރާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރޭޓް ޑިގްރީއެއް އޮތުމާއި މެޑިކަލް ޑޮކްޓަރުންނާއި ކޮމްޕިއުޓަރު، އިލެކްޓްރޯނިކްސް، ޕްރޮގްރާމިން، އިލެކްޓްރިކަލް އަދި ބަޔޯޓެކްނޮލޮޖީ އިންޖިނޭރުން ހިމެނެ އެވެ.
"ކުރިމަގު އުޖާލާ ކުރާނެ ހުނަރަށް ވަނީ ބޭނުންވެފައި،" ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މްޚްތޫމް ޓްވީޓް ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ވެސް ވިސާ ޕްރޮގްރާމަށް ޝަރުތު ހަމަވާނެ ކަމަށެވެ. އާޓިފިޝަލް އިންޓަލިޖެންސާއި އެޕިޑެމިއޮލޮޖީގެ ތަޖްރިބާރުންނަށް ވެސް ދިގު މުއްދަތުގެ ވިސާ ޕްރޮގްރާމަށް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ވިސާ ޕްރޮގްރާމް މިދިޔަ އަހަރު ތައާރަފް ކުރުމުން 6،800 އިންވެސްޓަރުން ޝައުގުވެރިވި އެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ އެކި ސިނާއަތްތަކުގައި 27 ބިލިއަން ޑޮލަރު އިންވެސްޓްކުރި އެވެ.
އިގްތިސާދު ފުޅާ ކުރުމަށް ސައުދީ އާއި ގަތަރު ފަދަ ގައުމުތަކުން ވެސް ވަނީ މިފަދަ ވިސާ ޕްރޮގްރާމްތައް ތައާރަފްކޮށްފަ އެވެ. ސައުދީން މިދިޔަ އަހަރުގެ ޖޫން މަހު ބުނެފައި ވަނީ 800،000 ރިޔާލް (213،000 ޑޮލަރު) އަށް ޕާމަނެންޓް ރެސިޑެންސީ ދޫކުރާނެ ކަމަށެވެ. އަދި އަހަރުން އަހަރަށް އާ ކުރެވޭ ގޮތަށް 100،000 ރިޔާލް (27،000 ޑޮލަރު) އަށް ވިސާ ދޫކުރަން ވެސް ވަނީ ނިންމައިފަ އެވެ. ގަތަރުން ވެސް ދާދި ފަހުން ވަނީ އެ ގައުމުން ބޭރު މީހުންނަށް ގެދޮރު ގަނެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ގެދޮރު ގަންނަ މީހުންނަށް ދިގު މުއްދަތުގެ ވިސާ ނުވަތަ ޕާމަނެންޓް ރެސިޑެންސީ ދޫކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.