19 ނޮވެމްބަރ 2020 - 09:53

މީގެ 30 އަހަރު ކުރިން، ހދ. ހަނިމާދޫގައި ސަރުކާރުން އެއާޕޯޓެއް ތަރައްގީކުރި ފަހުން، ހއ. ހޯރަފުށީ މީހުންގެ ވެސް އުއްމީދެއް އޮވެ އެވެ؛ އެ ރަށުގައި ވެސް ހަމަ އެފަދަ އެއާޕޯޓެއް އެޅުމެވެ. އެންމެ ބޮޑު ސަބަބަކީ ކަނޑު ދަތުރު ކުރުމުގައި، ގަދަފަދަ ގައްލައްދޫ ކަނޑު ހުރަސްކޮށް، ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުމެވެ. މޫސުން ގޯސް ދުވަސްވަރެއްގައި، ގަދަ އެ ކަނޑު ހުރަސްކޮށް، ހަމަ އެހާމެ ގަދަ، އެ އަތޮޅު ބާރަށު ކަނޑުއޮޅި ވެސް ކަޑައްތު ކުރަން ޖެހުމެވެ.

އެހެންވެ، ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށު މީހުންގެ ބޮޑު ހުވަފެނެވެ. އެ ރަށަށް ނިސްބަތްވާ، ކުރީގެ ނޫސްވެރިޔާ އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ބޭބެ މުހައްމަދު އާދަމް ސަލީމްގެ ނަޒަރުގައި އެ އެއާޕޯޓަކީ ހޯރަފުށީ މީހުން "ކަރުތާ ފެނުން ހޯދި ރަން ލޯބި ތޯތާއެކެ"ވެ.

"ކަރުތާ ފެނުން ކަންކަން ހާސިލްކުރުމޭ ބުނަނީ އެކަމަކަށް ވަރަށް ބޮޑަށް އެދުމާއި އެކަމަށް ކުރާ މިންނެތް މަސައްކަތާއި ގުރުބާނީއަށް،" އޭނާ އެ ބޭނުންކުރެއްވި ބަހުގެ ތަފްސީލު ދެއްވަމުން ސަލީމް ފޭސްބުކްގައި ލިޔުއްވި އެވެ.

މިހާތަނަށް ބިލާހެއްގެ ގޮތުގައި އޮތް އެ ހުވަފެން ހަގީގަތަކަށް ހަދަން މި ސަރުކާރުން ވައުދުވެ، ވޭތުވެ ދިޔަ ގާތްގަނޑަކަށް 16 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެއާޕޯޓުގެ މަސައްކަތް ނިންމާލައިފަ އެވެ. ރަސްމީކޮށް މިއަދު އެއާޕޯޓު ހުޅުވާއިރު ހޯރަފުށީގައި ހިނިތުންނުވާ އެކަކު ވެސް ނެތެވެ. ސަލީމް ވިދާޅުވި ގޮތަށް، ހޯރަފުށީ އެއާޕޯޓު، އެ ސަރަހައްދަށް އެހާ އަގުބޮޑު "ތޯތާއަކަށް" ވީ މި މަސައްކަތަށް ރައްޔިިތުންވީ ގުރުބާނީ ފެންނަން އޮތުމުންނެވެ.

ހޯރަފުށީ މީހުން ބުނާ ގޮތުން، ރަށުގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ވިއްޔާ އަތުގުޅާނުލާނެ މީހެއް އެ ރަށުގައި ނުހުންނާނެ އެވެ. މީގެ އަހަރުތަކެއް ކުރިން، އެ އަތޮޅު ބެރިންމަދޫ މީހުން ހޯރަފުއްޓަށް ބަދަލުކުރުމުގައި ވެސް ފެނުނީ އެ މަންޒަރެވެ. ދިދަ ޖަހައިގެން، ދޯނި ފަހަރުގައި ގޮސް، އެ މީހުން ހޯރަފުއްޓަށް ގެނެސް، ސަރުކާރުން ބެރިންމަދޫ މީހުންނަށް ރަސްމީ ހިޔާވަހިކަން ފޯރުކޮށްދެންދެން އެ މީހުން ތިބީ، އެ ރަށުގެ އެކި ގޭގޭގަ އެވެ. އެމީހުންގެ ހަރަދުތައް ބެލެހެއްޓީ، އަމިއްލަ އަތުންނެވެ. މި ފަހުން އެ ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރި އިރު ވެސް ފެނުނީ، ހަމަ އެ އެއްބައިވަންތަ ކަމެވެ.

"ގައުމީ ކަމެއްގައި، ރަށުގެ ތަރައްގީއަށް ކުރާ ކަމެއްގައި ހޯރަފުށީ މީހުން ފަހަތަކަށް ނުޖެހޭނެ،" ވޭތުވެ ދިޔަ 31 އަހަރު އެ ރަށުގެ ބޮޑުކަތީބުކަން ކުރެއްވި އަދި މިހާރު އެ ރަށު ކައުންސިލްގެ މެމްބަރު، އަލީ ނަސީރު ވިދާޅުވި އެވެ.
"ތަރައްގީގެ ކަމެއްގައި ހިޔާލުތަފާތުވުމެއް ނޯންނާނެ. ފެންނާނީ ހަމަ އެކުވެރިކަން."
"ކަރުތާ ފެން" ހުންނަ ހޯރަފުށީ ފަޅު ހިއްކައިގެން ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދިޔަ 16 މަސް ދުވަހު ވެސް ފެނުނީ އެ މަންޒަރެވެ. ރަށުގެ މަސްވެރިންނާއި ދަނޑުވެރިންނާއި އެކި މުއައްސަސާތަކުގެ މުވައްޒަފުން، އެއާޕޯޓުގެ އެކި މަސައްކަތްތަކަށް ނުކުތީ އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެންނެވެ. އެއާޕޯޓު އަޅަން ފަޅު ހިއްކުމުގެ މަސައްކަތް، އެމްޓީސީސީން ކުރިއަށް ގެންދިޔައިރު، އެކަމުގައި ރަށުގެ ޒުވާނުން އަމަލީ ގޮތުން ބައިވެރިވި އެވެ. ސާޅީސް ހެކްޓަރުގެ ބިން ހިއްކި އިރު، އެތަނުގައި އެކި ވައްތަރުގެ ގަސް ޖަހައި ފެހި ކުރުމަށް ދެ ޖިންސުގެ އެކި އުމުރު ފުރައިގެ މީހުން ބައިވެރިވި އެވެ. ގައުމީ ލަވަ ޖަހައިގެން، ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ކުޑަކުދިން ވެސް އެތަނުގައި ކުޅެން އުޅޭ މަންޒަރު ފެނެ އެވެ.
އެ ހުރިހާ އެންމެންނަށް، އެކި ވައްތަރުގެ ކެއުން ތައްޔާރުކުރުމަކީ ހޯރަފުށީ އަންހެނުންގެ އުފަލެކެވެ. އަމިއްލަ ޖީބުން ހަރަދުކޮށްގެން، އެއް ދުވަހު، 200 މީހުންނަށް ކައްކައިފި ނަމަ އަނެއް ދުވަހުު 500 މީހުންނަށް ކައްކާނެ އެވެ. އެއް ގޭގައި ބިރިޔާނީ ހަދައިފި ނަމަ، އަނެއް ގޭގައި ބޮނޑިބަތް ކައްކާނެ އެވެ.
"އަންހެނުން ގުރޫޕު ހަދާލައިގެން ގޮސް ކައްކާނީ. މަސައްކަތް ކުރާ މީހުންނަށް ކާންދިނުމަކީ އެ މީހުންނަށް އުފަލެއް. މަސައްކަތުގެ ފޯރި ގަދަވި ކަމެއް،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "އަތް ހުސްކޮށްލައިގެން" ބައެއް މީހުން، އެއާޕޯޓުގެ ކަންކަމަށް ހަރަދު ކުރި އިރު، އެއާޕޯޓު ސާފުކުރުމާއި ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރީ ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އޮފީހުގެ ރަސްމީ މަސައްކަތް ނިންމާލާފައި ނުވަތަ މަހުން އެނބުރި އައިސް ވެސް ނުކުންނަނީ، ފަރުދީ ޒިންމާއަށެވެ.
ހުސް ފަސްގަނޑެއްގައި ރުއް ގަހާއި ވިނަ އިންދައި ފެހިކުރުމަކީ ބުރަ ކަމެކެވެ. އެކަމަކު، އެންމެ ގަދަ ހޫނުގައި ވެސް ރައްޔިތުން ނުކުމެ، އެ މަސައްކަތް ނިންމާލީ ހީނުކުރާހާ އަވަހަކަށެވެ.
މިދިޔަ ދެ ދައުރު ވެސް ހޯރަފުށީ ކައުންސިލްގައި ހިމެނިވަޑައިގެންނެވި އަލީ އާރިފް ފާހަގަކުރެއްވި ގޮތުގައި
އުމްރާނީ ގޮތުން ކުރިއަރާފައިވާ ރަށަކަށް އެ ރަށް ވެފައި ވަނީ ވެސް ތަރައްގީގެ ކަންކަމަށް ރަށުގެ ރައްޔިތުން ދިން އިސްކަމެއްގެ ބޮޑުކަމުންނެވެ.
ސިޔާސީ ކަންކަމުގައި ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ތަރައްގީގެ މަސައްކަތްތުގައި ރައްޔިތުން އެކަމެއް ނުދައްކަ އެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ރަށަށް ކުރިއެރުން އަންނަ ކަމެއް ނަމަ، އެކަމަކަށް ރައްޔިތުން އިޖާބަދެނީ އުފަލާ އެކުގަ އެވެ.
"ކިތަންމެ ކުޑަ ތަރައްގީއަކަސް މި ރަށު މީހުން ތިބެނީ އެކަމަށް ފެންބޮވައިގަނެފައި،" އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ މަލަމަތި ބަދަލުކޮށްލި އެއާޕޯޓުގެ މަސައްކަތް އެހާ އަވަހަށް ނިމުމުގެ ސަބަބަކީ ވެސް ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމެވެ.
ހޯރަފުށީ މީހުން ގަބޫލުކުރާ ގޮތުން، އެ އެއާޕޯޓުގެ ސަބަބުން މުޅި އެ ސަރަހައްދަށް ތަރައްގީ އަންނާނެ އެވެ. ދަތުރުކުރުން ފަސޭހަވުމުގެ އިތުރުން، ޓޫރިޒަމް ކުރިއަރައި އިގްތިސޯދީ މަސައްކަތްތައް އިތުރުވާނެ އެވެ. އެއާޕޯޓާ އެކު މި ފަހަރު ވެސް މި ފެނުނީ ހޯރަފުށީ މީހުންގެ އެއްބައިވަންތަ ކަމާއި މަސައްކަތަށް ހުރި ޖޯޝެވެ. އަދި އެއާޕޯޓު އަވަހަށް ނިންމުމަށް ރަށު ރައްޔިތުންވީ ގުރުބާނީ އެވެ.