ދަތުރުގޮސް ގޮނޑުކުރި ފިނޮޅުތައް ސާފުކޮށްފި!
ދަތުރުގޮސް ގޮނޑުކުރި ފިނޮޅުތައް ސާފުކޮށްފި!

މާލެ ކައިރީގައި އޮންނަ ގިނަ ފިނޮޅުތައް މި ދުވަސްކޮޅު އޮންނަނީ ދަތުރު ގޮސް، މަޖާކޮށްލަން ދާ މީހުންނާއެކު ފުރިފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި، މާލޭގައި އުޅޭ މީހުން ހިތް ހަމަ ޖައްސާލަން އޮތް އޮތް އެންމެ ފަސޭހަ ގޮތަކީ ވެސް އެއީ އެވެ. އެކަމަކު ގިނަ ފަހަރަށް، މީހުން ފިނޮޅުން ފައިބާއިރު އެތަން އޮންނަނީ ގޮނޑުވެފަ އެވެ. ފިނޮޅުން ފައިބަނީ، ދަތުރު ގެންދިޔަ ކުނި އެތަނަށް ދޫކޮށްލައިފަ އެވެ.

ދަތުރުގޮސް ގޮނޑުކުރި ފިނޮޅުތައް ސާފުކޮށްފި!
ދަތުރުގޮސް ގޮނޑުކުރި ފިނޮޅުތައް ސާފުކޮށްފި!

މި މަންޒަރު އެންމެ ކައިރިން ފެންނަ ބަޔަކީ، ފިނޮޅު އަދި މަސް ދަތުރުތައް ރާވައި، އެ ހިދުމަތް ދޭ "ލައްޓި ފިޝިން" އެވެ. ރީތި ފިނޮޅުތައް ގޮނޑުވެފައިވާ ތަން ބަލަން އެ މީހުންނަށް ފަސޭހައެއް ނުވި އެވެ. އެހެންވެ، އެ ގުރޫޕުން މިއަދު އަަންނަނީ، ދަތުރުދާ މީހުން ފިނޮޅަށް އުކާލި ކުނިތައް ނަގައި ސާފުކުރަމުންނެވެ.

ދަތުރުގޮސް ގޮނޑުކުރި ފިނޮޅުތައް ސާފުކޮށްފި!
ދަތުރުގޮސް ގޮނޑުކުރި ފިނޮޅުތައް ސާފުކޮށްފި!

"ވަރަށް ގޮނޑު. ވަރަށް ކުނި އެބައޮތް،" ލައްޓި ފިޝިން އިން ވާހަކަ ދެއްކި މުހައްމަދު އަބްދުއްރަހްމާން ބުންޏެވެ.

"ކޮންމެ ފިނޮޅެއްގައި ވެސް އޮންނަނީ ދަތުރުދާ މީހުން ގެންދާ ކުނި. ހިޔެއް ނުކުރަން މިހާ ކުނި އޮންނާނެ ކަމަކަށް،"

އެ ގުރޫޕުން މިއަދު ސާފުކުރަމުން އަންނަނީ މާލެއާ އެންމެ ކައިރީގައި އޮންނަ އެނބޫދޫ ފަސްގަނޑެވެ.

މުހައްމަދު ބުނީ ހަމައެކަނި އެ ފިނޮޅުން އެކަނި ވެސް، މިއަދު ހަވީރާ ހަމައަށް ތިން ޕިކަޕުގެ ކުނި ނަގާފައިވާ ކަމަށެވެ. އެތަން ސާފުކޮށް ނިމޭއިރު، އިތުރު ތިން ޕިކަޕުގެ ކުނި ނެގޭނެ ކަމަށް އޭނާ ލަފާ ކުރެ އެވެ. ކުނި ނަގަން އެ މީހުން ގެންދިޔަ ކޮތަޅުތައް ފުރިފައިވަނީ ދަތުރުދާ މީހުން ގެންދިޔަ ޕްލާސްޓިކް ތައްޓާއި ދަޅާއި ފުޅި އާއި ކުޑަކުދިންގެ ނެޕީ ފަދަ ތަކެތިންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ގިނަ ބަޔަކު މާލޭގައި "ބަންދު" ވުމާއެކު، ފިނޮޅުތަކަށް ދަތުރު ގެންދިޔުމުގެ ހިދުމަތަށް އޮތް ޑިމާންޑް ބޮޑުވި އެވެ. ލައްޓި ފިޝިން އަކީ މިހާރު އެކަމުގައި އެންމެ ބިޒީ އެއްބައެވެ. އެކަމަކު އެ މީހުން ބުނިގޮތުގައި ފިނޮޅުތައް ހަޑިކަމުން، ބައެއް ފަހަރު އެތަނަށް ނުފައިބާ ދާން ވެސް ޖެހެ އެވެ.

"އެންމެ ފަހުން އަޅުގަނޑުމެން ފިނޮޅަށް ގާތްކުރިތަނާ ކަސްޓަމަރުން ބުނެފި ގޮނޑަކަށް ނޫންހޭ ތި ގެނައީ،" މުހައްމަދު ބުންޏެވެ.

"ނުފައިބައި އަނބުރާލާފައި ހަމަ ދާން ޖެހުނީ،"

ގެންދާ ކުނި އަނބުރާ ނުގެންގޮސް، ފިނޮޅަށް ދޫކޮށްލާފައި ދިޔުން ވަރަށް ނާތަހުޒީބެވެ. ހަނދާން ނެތިގެން، ފިނޮޅުގައި ކުނިކޮޅެއް ބެހެއްޓުނު ނަމަވެސް، މުހައްމަދު ސިފަ ކުރިގޮތުގައި މިހާރު ފެންނަނީ މާބޮޑުވަރެވެ. އެކަަމަކު އޭނާ ގަބޫލު ކުރާގޮތުގައި ފިނޮޅަށް މީހުން ގެންދިޔުމުގެ ހިދުމަތް ދޭ ފަރާތްތަކުން ވެސް އެތަން ސާފު ކުރުމުގެ ޒިންމާ ނަގަން ޖެހެ އެވެ.

"މިއީ މިހާރު އަޅުގަނޑުމެން އާމްދަނީ ހޯދަން ކުރާ މަސައްކަތް. އެހެންވެ، މިތަން ސާފު ކުރުމަކީ އަޅުގަނޑުމެން ފަދަ، ހިދުމަތް ދޭ މީހުންގެ ވެސް ޒިންމާއެއް ކަމަށް ދެކެނީ،" އޭނާ ބުންޏެވެ.

ގޮނޑުކޮށް އޮތީ ހަމައެކަނި އެނބޫދޫ ފަސްގަނޑެއް ނޫނެވެ. މާލެ ކައިރީ އޮންނަ އެހެން ފިނޮޅުތައް ވެސް އެހާ ހަޑި އެވެ. އެހެންވެ، ލައްޓި ފިޝިން އިން ތައްޔާރުވަމުން އަންނަނީ އަންނަ ހަފުތާގައި ވެސް އެތަންތަން ސާފު ކުރަން ދާށެވެ. އެކަމަކު އެ މީހުންގެ އިލްތިމާސަކީ ދަތުރު ދާ މީހުން ވެސް އެ މީހުންގެ އަމިއްލަ ޒިންމާ ނަގައި، ފިނޮޅަށް ގެންދިޔަ ކުނި އަނބުރާ ހިފައިގެން ދިޔުމެވެ.