އީގަލްސް އިން ބުރްކީނާ ފާސޯ ޑިފެންޑަރަކާއި ބޮސްނިއާ ފޯވާޑެއް ގެންނަނީ
އީގަލްސް އިން ބުރްކީނާ ފާސޯ ޑިފެންޑަރަކާއި ބޮސްނިއާ ފޯވާޑެއް ގެންނަނީ

މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ކްލަބް އީގަލްސް އިން ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާއިލް ޔަނޯގޯ އާއި ބޮސްނިއާގެ ފޯވާޑް އަދްނާން ބަސިޗް ގެންނަން ނިންމައިފި އެވެ.

އީގަލްސް އިން މީގެ ކުރިން ބްރެޒިލްގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރެއާ ރެގްލީ ގެންނަން ނިންމި ނަމަވެސް އޭނާގެ ބަދަލުގައި މިހާރު އެހެން ކީޕަރެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޔަނޯގޯ އާއި ބަސިޗް ގެންނަން ކުރަން ޖެހޭ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އީގަލްސް އިން މައުލޫމާތުދެ އެވެ.

އުމުރުން 27 އަހަރުގެ ޔަނޯގޯ ވަނީ އޭނާ އުފަން ގައުމު ބުރްކީނާ ފާސޯގެ ކްލަބެއްގެ އިތުރުން މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން ސައުދީ އަރަބިއްޔާގެ ކްލަބްތަކަށް ކުޅެފަ އެވެ. މީގެ ތެރެއިން އޭނާ ވަނީ ބުރްކީނާ ފާސޯގެ ރޭއިލް ކްލަބާ އެކު ކާފް ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ. އަދި މިސްރުގެ ކްލަބްތަކާ އެކު އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ފަހު އެންމެ ފަހުން ސައުދީގެ އަލް އޮރޫބާ އަށް ކުޅުނުއިރު ކިންގްސް ކަޕްގައި ވާދަކޮށްފަ އެވެ.

ބޮސްނިއާ އަށް އުފަން އުމުރުން 23 އަހަރުގެ ބަސިޗް ވަނީ އެ ގައުމުގެ 18 އަހަރާއި 19 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. އޭނާ ވަނީ ބޮސްނިއާގެ އިތުރުން ސްލޮވީނިއާ އާއި ލަގްޒެމްބާގް އަދި ޗެކް ރިޕަބްލިކްގެ ކްލަބްތަކަށް ކުޅެފަ އެވެ.

މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ އެވެ. އީގަލްސްއާ މިދިޔަ ޖެނުއަރީ މަހު ގުޅުނު ރިހާމް އަބްދުލް ގަނީ (ބޮބީ) ވެސް ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައި ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށައިފަ އެވެ. މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން އަދި އެ ޓީމުގެ ޕްރެކްޓިހަށް ނުނިކުންނަނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އީގަލްސް އިން 2017 ވަނަ އަހަރު ފަށައި ފަހުން ނިއު ރޭޑިއަންޓުގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ބޮބީ މިދިޔަ ސީޒަން ފެށީ ކްލަބް ގްރީން ސްޓްރީޓްސް އިންނެވެ. އެ ޓީމުގައި މުސާރަ ނުލިބުމުގެ މައްސަލަތަކެއް ދިމާވެ ޓީމު ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ހިމެނި ބޮބީ ވަނީ އީގަލްސް އިން މިިދިޔަ ސީޒަނުގެ ފަހުކޮޅުގައި ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސް އަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ކޯޗުކޮށްދޭނީ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ސީޒަން ހުޅުވާ މެޗުގައި ޑިސެމްބަރު މަހު އަށް ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހޭ އީގަލްސް އަންނަ އާދިއްތަ ދުވަހު ޕްރެކްޓިސް ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.