15 ނޮވެމްބަރ 2020 - 12:20

ކޮވިޑް-19 ޖެހިގެން މިއަދު ވެސް މީހަކު މަރުވެއްޖެ އެވެ. މިއީ މިދިޔަ ފަސް ދުވަހުގެ ތެރޭގައި މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ ފިރިހެނެކެވެ. މިއީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން މާލޭގައި ފެެތުރެން ފެށި ބަލިމަޑުކަމުގައި މަރުވި 43 ވަނަ މީހާ އެވެ.
ކޮވިޑް ޖެހުނު 57 އަހަރުގެ ފިރިހެނަކު އިއްޔެ ވެސް ވަނީ މަރުވެފަ އެވެ. އޭނާއަށް ވެސް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. މިދިޔަ އަންގާރަ ދުވަހު މަރުވީ، 45 އަހަރުގެ އަންހެނެކެވެ. މި ބަލީގައި ރާއްޖޭގައި އާއްމުކޮށް މަރުވަނީ އުމުރުން ވަރަށް ދުވަސްވީ މީހުން ނަމަވެސް، ބޮޑެތިި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ބަލީގެ ނުރައްކާ ބޮޑެވެ. އެ އަންހެން މީހާއަކީ ވެސް ކިޑްނީ ފެއިލް ވެގެން ޑަޔަލިސިސް ހަދަމުން ދިޔަ މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު، މި ފަހަކުން އަންނަނީ މަދުވަމުންނެވެ. އެކަމަކު އަދި ވެސް ބަލީގެ ނުރައްކާ އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ސަމާލުކަން ދިނުމަށް އެޗްޕީއޭން އިލްތިމާސް ކުރެ އެވެ.