ކަލާޒް ޗެނަލުން މިރޭ ފަށާނީ "މޮލްކީ"
ކަލާޒް ޗެނަލުން މިރޭ ފަށާނީ "މޮލްކީ"

އާންމުންގެ މެދުގައި މަގުބޫލު އިންޑިއާގެ ޓީވީ ޗެނެލް ކަލާޒް އިން މިރޭ "މޮލްކީ" ކިޔާ އާ ސިލްސިލާއެއް ފަށާނެ އެވެ.

ކާމިޔާބު އެތަައް ސިލްސިލާއެއް ގެނެސްދީފައިވާ އަދި މިހާރު ވެސް ގެނެސްދެމުން އަންނަ އެކްތާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމްސް އިން މިރޭ ރާއްޖެ ގަޑިން 9:30 ގައި ފަށާ ސިލްސިލާ ބިނާވަނީ އަންހެން ކުދިން ޓްރެފިކްކުރުން ފަދަ ޖަރީމާތަކުގެ ތެރޭގައި ވިއްކާލާ 18 އަހަރުގެ އަންހެން ކުއްޖަކު އުއްތަރު ޕްރަދޭޝްގެ ނުފޫޒު ގަދަ އާއިލާއެއްގެ ދުވަސްވީ މީހަކާ ކައިވެނިކުރަން މަޖުބޫރުވުމުން ދިމާވާ ހާދިސާތަކަކަށެވެ.

"މޮލްކީ" ގެ ލީޑް ރޯލުން ފެނިގެން ދާނީ މީގެ ކުރިން ވެސް އެތައް ސިލްސިލާއެއް ކުޅެފައިވާ އަމަރު އުޕަދޭ އާއި ޕްރިޔަލް މަހާޖަނެވެ. އަމަރުގެ ކެރެކްޓާގެ ނަމަކީ ވިރެންދުރަ އެވެ. އަދި ޕްރިޔަލް ފެނިގެން ދާނީ ޕުރްވީގެ ރޯލުންނެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ސުޕްރިޔާ ރައިނާ ޝުކްލާ، އަބްހޭ ބާރަގްވާ، އާކަންޝާ ޝުކްލާ، ކާޖަލް ޗޯހަން، ނަވީން ޝަރުމާ އަދި ޝިވަމް ޚަޖޫރިއާ ހިމެނެ އެވެ.

"މޮލްކީ" މިރޭ ދައްކަން ފަށާ އިރު، މީގެ ޕްރޮމޯތަކެއް ވެސް ކަލާޒް އިން ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. މި ސިލްސިލާ އެ ޗެނެލުން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއަށެވެ.

"މޮލްކީ" ގެ އިތުރުން ވަރަށް އަވަހަށް ކަލާޒުން "ނަމަކް އިސްކް ކާ" ކިޔާ ސިލްސިލާއެއް ވެސް ދައްކަން ފަށާނެ އެވެ. އޭގެ ޕްރޮމޯ ވެސް ދައްކަމުން އަންނަ އިރު، ބަތަލާގެ ރޯލުން ފެނިގެން ދާނީ މިދިޔަ އަހަރު ކަލާޒުން ގެނެސްދިން ސިލްސިލާ "ގަޓްބަންދަން" ގެ ބަތަލާ ޝުރޫތީ ޝަރުމާ އެވެ. އޭނާ މިހާރު ފެންނަނީ ސްޓާ ޕްލަސް އިން ގެނެސްދޭ "ޔޭ ޖާދޫ ހޭ ޖިން ކާ" ގެ ޝާއިރީ ޗައުދަރީގެ ރޯލުންނެވެ.