ބާސެލޯނާ އަތުން މެންޗެސްޓާ ސިޓީ ބަދަލުހިފައިފި
ބާސެލޯނާ އަތުން މެންޗެސްޓާ ސިޓީ ބަދަލުހިފައިފި

މެންޗެސްޓާ (ނޮވެމްބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހަތުން އަރައި 3-1 އިން ބާސެލޯނާ ބަލިކޮށް މީގެ ދެ ހަފްތާ ކުރިން އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު މެންޗެސްޓާ ސިޓީން ހިފައިފި އެވެ.

ބާސެލޯނާ އަތުން މެންޗެސްޓާ ސިޓީ ބަދަލުހިފައިފި
ބާސެލޯނާ އަތުން މެންޗެސްޓާ ސިޓީ ބަދަލުހިފައިފި

މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-0 އިންނެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެ ސިޓީ ވަނީ ހަމަޖެހުމެއް ހޯދައިފަ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބެކަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސެލްޓިކް އޮތީ ދެ ޕޮއިންޓާ އެކު އެވެ. މި ދެ ޓީމު ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެ ބާސެލޯނާ އިން ލީޑު ނެގި އެވެ. މެޗުގެ 21 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ލިއޮނަލް މެސީ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް މެސީ ޖެހި 54 ވަނަ ލަނޑެވެ. މި ލަނޑާ އެކު އޭނާ ވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ރައުލް ގޮންޒާލޭޒް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. ރައުލް ޖަހާފައިވަނީ 53 ލަނޑެވެ. ތިން ވަނައިގައި އޮތީ 51 ލަނޑާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ސިޓީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 39 ވަނަ މިނިޓްގަ އެވެ. ބާސެލޯނާ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ސިޓީ އަށް އެއްވަރުކޮށްދިނީ ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. ދެ ވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭ ސިޓީ އަށް ލީޑު ނަގައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެވިން ޑިބްރޭނާ އެވެ. އޭނާ މި ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ.

ނަތީޖާ ހަމަހަމަ ކުރަން ބާސެލޯނާގެ އަންޑްރޭ ގޯމޭސް އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ސިޓީގެ ނިކޮލަސް އޮޓަމެންޑީ ކައިިރިން ނައްޓާލުމަށް ފަހު ބާސެލޯނާގެ ލުއިސް ސުއަރޭޒް ހުސްކޮށްލާފައި ގޯމޭސް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސިޓީގެ ފަހު ލަނޑު ޖެހީ ވެސް ގުންޑޮގާން އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ގުންޑޮގާން މި ލަނޑު ޖެހީ ބާސެލޯނާގެ އޭރިއާ ތެރެއިންނެވެ. މިއީ ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުން ގުންޑޮގާން ޖެހި ހަތަރު ވަނަ ލަނޑެވެ.