15 ނޮވެމްބަރ 2020 - 11:58

ވޮޝިންޓަން (ނޮވެމްބަރު 15) - އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ތުހުމަތަށް ވާގިވެރިވުމުގެ ގޮތުން އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުންގެ އެތައް ހާސް ބަޔަކު ވޮޝިންޓަނުގެ މަގުތަކަށް އިއްޔެ ނުކުމެއްޖެ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ފުރަތަމަ އެއްވީ ވައިޓް ހައުސްގެ އިރުން ފްރީޑަމް ޕްލާޒާ ސަރަހައްދަށެވެ. އެއްވުމެއް އެ މީހުން ވަނީ ތަފާތު ނަންތައް ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި "މޭކް އެމެރިކާ ގްރޭޓް މާޗް"، "މާޗް ފޯ ޓްރަމްޕް" އަދި "ސްޓޮޕް ދަ ސްޓީލް" ފަދަ ނަންތައް ހިމެނެ އެވެ.
އިހްތިޖާޖަށް ނުކުމެ ތިބި މީހުންގެ ވީޑިއޯއަކާ އެކު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑުމެން މޮޅުވާނެ" ކަމަށެވެ. އެއްވި މީހުން އަޑު އުފުލަނިކޮށް ޓްރަމްޕް ވަނީ މޮޓޯކޭޑުގައި އެ މީހުންގެ ތެރޭން ވާޖީނިއާގެ ގޮލްފް ކޯސް އަށް ވަޑައިގެންފަ އެވެ. ކާރުގައި އިންވައިގެން ޓްރަމްޕް ވަނީ ސަޕޯޓަރުންނަށް އަތުން އިޝާރާތް ކުރައްވައިފަ އެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ޖޯޖިއާގެ ވޯޓު ޔަގީންވުމާ އެކު ބައިޑަން މިހާރު ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވައިފަ އެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް ޖޯޖިއާގެ ވޯޓު ކާމިޔާބު ކުރެއްވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް ވަނީ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް އިންތިޚާބާ ބެހޭ އޮފިޝަލުން ހުކުރު ދުވަހު ބުނެފައި ވަނީ މިއީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި ސަލާމަތީ ގޮތުން އެންމެ ޔަގީންކަން ބޮޑު އިންތިޚާބު ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާން މެކްއެނާނީ ފޮކްސް ނިއުސް އަށް ހުކުރު ދުވަހު ވިދާޅުވީ ދެ ވަނަ ދައުރުގައި ވެސް ވެރިކަން ކުރެއްވޭނެ ކަމަށް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށެވެ.