14 ނޮވެމްބަރ 2020 - 21:10

އެތަނަކަށް ބޭނުންވާ ހުރިހާ ކަރަންޓެއް ސޯލާ ޕެނަލް ބޭނުންކޮށްގެން ދޭ ފުރަތަމަ ބަސް ސްޓޮޕް ސްޓެލްކޯ އިން މިއަދު ހުޅުވައިފި އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ދަރުބާރުގެ ކައިރީ ބޮޑުތަކުރުފާނު މަގުގައި މިއަދު ހުޅުވި އެ ބަސް ސްޓޮޕުގައި ބޭނުންކުރާ 100 ޕަސަންޓު ކަރަންޓު ފޯރުކޮށްދޭނީ ސޯލާ ޕެނަލްތަކުންނެވެ. އަތްވާއި ވާރެއިން ދަތުރުވެރިން ހިޔާވާނެ ގޮތަށް ފަރުމާކޮށްފައިވާ އެ ބަސް ސްޓޮޕްގައި އޭސީ ހަރުކޮށް ފޯނު ވެސް ޗާޖު ކުރެވޭނެ އިންތިޒާމާއި ކަރަންޓު ނެގޭނެ ގޮތް ވެސް ހަމަޖައްސާފައިވާއިރު އެތަނުން ބަސް ދަތުރުކުރާ ރޫޓާއި ބަސް ގާވް ވީމަ އެކަން ވެސް އެނގޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ހެދި މި ބަސް ސްޓޮޕް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެއީ ބަސް ދަތުރުކުރާ މީހުންނަށް ސްޓެލްކޯއިން ދޭ ހަދިޔާއެއް ކަމަށެވެ. އަދި އެއީ ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯއިން ކޮށްދޭ ހިދުމަތެއް ކަމުގައި ވެސް ވިދާޅުުވި އެވެ. އެ ބަސްސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ވެސް ގާއިމްކުރާނެ ކަމަށް މުޢުނީ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.
"ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި، ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކި އެއީ ކަމުގައި ދެކިގެން." މުޣުނީ ވިދާޅުވި އެވެ.
ބަސް ސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.