14 ނޮވެމްބަރ 2020 - 18:34

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދުގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އައިންތުގެ ކާރަށް ގެއްލުން ދިނީ މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގަ އެވެ. އޭނާ ބުނިގޮތުގައި ކާރު އޮތީ ދިރިއުޅޭ ގެ ކައިރީ ޑްރަގް ކޯޓު ކުރިމަތީގަ އެވެ.
އިއްޒުއްދީން މަހު، ތޮއިބާ މިސްކިތް ކައިރީ ޕާކުކޮށްފައި އޮތް އެ ކާރުގެ ވިންޑް ސްކްރީން ތަޅާލަަި އެކި ވަރުގެ ގެއްލުންދީފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުުހުން މީގެ ކުރިން ބުނެފައި ވެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު މި މަހު ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމަން ދިިޔަ ފުރަތަމަ ފަހަރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަނެއްކާ ވެސް މި މަހު 12 ގައި އިތުރު ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރަށް އެ މައްސަލައިގައި ރޭ 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިންތުގެ ކާރަށް ގެއްލުންދިން މައްސަލައިގައި އޭނާ ކުރިން ބުނެފައި ވަނީ މިއީ އެހެން އެކަންކުރި ފަސް ވަނަ ފަހަރު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަންކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ކަމާ ބެހޭ ފަރާތުން އަޅާފައިނުވާ ކަމަށް ބުންޏެވެ. އައިންތުގެ ކާރަށް ގެއްލުންދޭ މައްސަލަ ނުބެލޭތީ އެކަން މަޖިލީހަށް ވެސް ހުށަހަޅާފައި ވެ އެވެ.
އޭނާގެ ކާރަށް ގެއްލުންދޭ މައްސަލައިގައި އަންތު ތުހުމަތުކުރަނީ ކުރީގެ ފިރިމީހާ އަށެވެ. މީގެ ކުރިން ވެސް އެމީހާ އައިންތުގެ ކާރަށް ގެއްލުންދީފައި ވެއެވެ.
އޭނާ ބުނިިގޮތުގައި ކާރަށް ގެއްލުންވާ ކޮންމެ ފަހަރަކު އެ މާރާމާތުކުރަން 10،000ރ. އަށްވުރެ ގިނައިން އަތުން ހޭދަ ވެއެވެ. އޭގެ ސަބަބުން މަސައްކަތް ހުއްޓޭ ކަމަށް ވެސް ބުންޏެވެ. މި ފަހަރު އައިންތުގެ ކާރަށް ގެއްލުން ދިނުމުން ކާރު މަރާމާރުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.