14 ނޮވެމްބަރ 2020 - 18:02

ލޯކަލް ގަވަމަންޓް އޮތޯރިޓީން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން ހއ. އުތީމު ކައުންސިލްގެ ރައީސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
އެ އޮތޯރިޓީން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް މިއަދު ފޮނުވި ސިޓީގައި ބުނީ އެ އޮތޯރިޓީ އަށް ހުށަހަޅާފައިވާ މައްސަލަތަކަކަަކާ ގުޅިގެން މި މަހު 8 ގައި ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަތައް ބަަލަން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެލްޖީއޭއިން ބުނިގޮތުގައި އަބްދުﷲ ރަޝީދާ ގުޅޭ 11 މައްސަލައެއް އެ އޮތޯރިޓީ އަށް ހުށަހަޅާފައި ވެއެވެ. އެއީ:
- ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީ އިރު 10 އަހަރަށް އެގްރިމަންޓު ކުރުން
- ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓާ ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނުވުން
- ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައި ވުން
- ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގި އިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން
- މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެ މަގާމަށް އިއުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަގާމަށް ނެގުން
- ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން
- ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން
- ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައި ނުވުން
- ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނެތުން
- ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކޮށް ހުރުން
އެލްޖީއޭއިން ފޮނުވި ސިޓީގައި ވަނީ އެ މައްސަތަކާ ގުޅިގެން ޖަވާބުދާރީ ވުމަށް އަބްދުﷲ ރަޝީދަށް މި މަހު 24 ގެ މެންދުރު ދޭއްގެ ނިޔަލަށް ވަގުތު ދީފަ އެވެ.