ޓްރަމްޕުގެ ސީކްރެޓް ސާވިސްގެ ގިނަ ބަޔަކަށް ކޮވިޑްޖެހިއްޖެ
ޓްރަމްޕުގެ ސީކްރެޓް ސާވިސްގެ ގިނަ ބަޔަކަށް ކޮވިޑްޖެހިއްޖެ

ވޮޝިންޓަން (ނޮވެމްބަރު 14) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވެސް ވަނީ ސީކްރެޓް ސާވިސްގެ ގިނަ ބަޔަކު ކަރަންޓީންކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކަރަންޓީނުގައި ތިބީ ކިތައް މީހުން ކަމެއް ނުބުނެ އެވެ. އޮފިޝަލް ވިދާޅުވީ ކަރަންޓީނުގައި ތިބި އެންމެންނަކީ ޕޮޒިޓިވްވެފައިވާ މީހުން ނޫން ކަމަށެވެ. ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ސީކްރެޓް ސާވިސްގެ 130 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ އަދަދު ސީކްރެޓް ސާވިސް އިން ވެސް ބުނެފައެއް ނުވެ އެވެ.

ސީކްރެޓް ސާވިސްގެ އެޖެންޓުން ޕޮޒިޓިވްވި ކަމަށް ވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ކުރިން ބޭއްވި އެއްވުންތަކުންނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ޓްރަމްޕް ވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވައިފަ އެވެ. އަދި ވައިޓް ހައުސްގެ ގިނަ އަދަދެއްގެ ސްޓާފުން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ފަސްޓް ލޭޑީ މެލަނިއާ އާއި ޓްރަމްޕުގެ ހަގު ދަރިކަލުން ބޭރަން އަދި ޓްރަމްޕުގެ އަރިސް ބޭފުޅެއް ކަމަށްވާ ހޯޕް ހިކްސް، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ މެކްއެނާނީ ހިމެނެ އެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ 11,066,546 މީހުން ޕޮޒިޓިވްވެ 250،000 މީހުން މަރުވެފަ އެވެ.