14 ނޮވެމްބަރ 2020 - 12:49

ވޮޝިންޓަން (ނޮވެމްބަރު 14) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ދައުރުގައި އެމަނިކުފާނުގެ ޓްވިޓާ އެކައުންޓަކީ މުހިންމު އެއް ސިފަ އެވެ. ސިޔާސަތަށް ގެންނަ ބޮޑެތި ބަދަލުތައް ވެސް ޓްރަމްޕް ވަނީ ޓްވިޓާ މެދުވެރިކޮށް އިއުލާން ކުރައްވައިފަ އެވެ. ހިތްހަމަޖެހިވަޑައިނުގަންނަވާ ސިޔާސީ ލީޑަރުންނަށް ބަހުގެ ހަމަލާ ދެއްވުމަށް ވެސް ޓްރަމްޕް ބޭނުން ކުރެއްވީ ޓްވިޓާ އެވެ.
ސޯޝަލް މީޑިއާ އިން ނުފުދޭ ނަމަ ޓްރަމްޕް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ވަނީ އެކި ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ހިތްޕުޅާނުވާ މީޑިއާއެއް ނަމަ ސިފަ ކުރައްވާފައި ވަނީ "ފޭކް ނިއުސް" ފަތުރާ ތަނެއްގެ ގޮތުގަ އެވެ.
އެކަމަކު ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު މި ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ޓްވިޓާ އެކައުންޓް FactbaseFeed@ ގެ އެނަލިސިސް އިން ދައްކާ ގޮތުގައި ޓްރަމްޕް ބަހުގެ ހަމަލާއެއް ނުދެއްވާތާ މިހާރު ހަ ދުވަސްވެއްޖެ އެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ހަތަރު އަހަރަށް ބަލާ ނަމަ ރެކޯޑެކެވެ. މި އަހަރުގެ އެވްރެޖަށް ބަލާ ނަމަ، ޓްވިޓާގައި ޓްރަމްޕް ހަރަކާތްތެރިވެވަޑައިގަންނަވާ މިންވަރު ވެސް ވަނީ، އިންތިޚާބަށް ފަހު 43 ޕަސެންޓް ދަށްވެފަ އެވެ.
އިންތިޚާބުން 306 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު ޖޯ ބައިޑަން ކުރި ހޯއްދަވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.