15 ނޮވެމްބަރ 2020 - 07:46

ބަތަލާ ޖޫހީ ޗާވްލާއާ ކައިވެނިކުރަން ސަލްމާން ޚާން ހުށަހެޅި ކަމަށް ބުނެފައިވާ އޭނާގެ ކުރީގެ އިންޓަވިއުއެއް އަލުން ތިލަވެ، އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އަންނަ މަހުގެ 27 ގައި 55 އަހަރު ފުރޭ ސަލްމާން ވަރަށް ޒުވާން އުމުރުގައި ދީފައިވާ އެ އިންޓަވިއުގައި ބުނެފައި ވަނީ "ޖޫހީ އަކީ ވަރަށް ލޯބި އަންހެން ކުއްޖެއް" ކަމަށެވެ. އަދި ޖޫހީއާ ކައިވެނިކުރަން ބޭނުންވެގެން އެ ވާހަކަ ސީދާ ޖޫހީގެ ބައްޕައާ ވެސް ދެއްކި ކަމަށް ބުންޏެވެ.
"އެކަމަކު ޖޫހީގެ ބައްޕަ އެއްބަހެއް ނުވި. ބުނީ ނޫނެކޭ،" ސަލްމާން ބުންޏެވެ.
ޖޫހީގެ އާއިލާ އިން ކައިވެނީގެ ހުށަހެޅުމާ އެއްބަސްނުވީ ކީއްވެތޯ ސުވާލުކުރުމުން ސަލްމާން ބުނީ ސީދާ ސަބަބެއް ނޭނގޭ ކަމަށެވެ.
"ހީވަނީ އަހަރެން ޖޫހީއާ އެކަށީގެން ނުވަނީހެން،" ސަލްމާން ބުންޏެވެ.
ސަލްމާނާއި ޖޫހީ މިހާތަނަށް އެކީގައި ފިލްމެއް ވެސް ކުޅެފައެެއް ނުވެ އެވެ. އެކަމަކު އަނިލް ކަޕޫރާއި ގޯވިންދާއާ އެކު އޭނާ 1997 ގައި ކުޅުނު "ދީވާނޭ މަސްތާނޭ" ގެ ހާއްސަ ފެނިލުމަކުން ޖޫހީއާ އެކު ސަލްމާން ފެނިފައިވެ އެވެ. އަދި އެއީ ދެ ބައިވެރިންގެ ގޮތުގަ އެވެ. ސަލްމާނާ އެކު ޖޫހީ ފިލްމެއް ނުކުޅުނު ނަމަވެސް ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ބޮލީވުޑަށް ނުކުތް 1996 ގެ ފިލްމު "ދަރާރު" ގެ ބަތަލާ އަކީ ޖޫހީ އެވެ.
ޖޫހީއާ އެކު ފިލްމަކުން ފެނިފައި ނުވާ ސަބަބާ ބެހޭ ގޮތުން ސަލްމާން ބުނީ ޖޫހީ އޭނާއާ އެކު މަސައްކަތްކުރަން ބޭނުން ނުވަނީ ކަމަށެވެ.
ނުވަ ދިހައިގެ އަހަރުތަކުގައި އެންމެ ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖޫހީ އެންމެ ވަރުގަދަ ދެ ޚާނުން ކަމަށްވާ ޝާހްރުކް ޚާނާއި އާމިރު ޚާނާ އެކު ފިލްމުތަކެއް ކުޅެފައިވާ އިރު، ސަލްމާނާ އެކު ފިލްމެއް ކުޅެފައި ނުވާތީ އެކަމާ ބެހޭ ގޮތުން ޖޫހީއަށް އެތައް ސުވާލަކާ ކުރިމަތިވެފައިވެ އެވެ. އެގޮތުން ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ޖޫހީ ވަނީ އޭނާ އަކީ ދަންނަ މީހަކަށް ވެސް ސަލްމާން ނުހަދާ ކަމަށް ބުނެފަ އެވެ.
"ބައެއް ފަހަރު އޭނަގެ ފަހަތުން ދުވަން ޖެހެނީ. ގިނަ ފަހަރަށް އޭނަ ހުންނާނީ އަހަންނަކީ ނުވެސް ދަންނަ މީހަކަށް ހެދިގެން،" ޖޫހީ ބުނެފައިވެ އެވެ. "ދެން ކިހިނެއް އެކީގައި މަސައްކަތެއް ކުރާނީ؟"
ޖޫހީ، 53، އާއި ވިޔަފާވެރިޔާ ޖޭ މެހެތާ، 59، ކައިވެނިކުރީ 1995 ގަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަކީ ޖާންވީ މެހެތާ، 19، އާއި އަރުޖުން މެހެތާ، 17، އެވެ.
މަޝްހޫރު ބަތަލާއިންތަކަކާ ސަލްމާން ސީރިއަސް ލޯބީގެ ގުޅުންތަކެއް ބޭއްވި ނަމަވެސް އޭނާ އަދިވެސް ހުރީ ހުސްހަށިބަޔަށެވެ. ސަލްމާން ރައްޓެހިވި ބަތަލާއިންގެ ތެރޭގައި ސަންގީތާ ބިޖިލާނީ، ސޯމީ އަލީ، އައިޝްވާރިއާ ރާއީ އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ.
މި ފަހުން ސަލްމާނާ އެންމެ ބޮޑަށް އަޅުވާކިޔާ މީހަކީ އޭނާގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރެވެ.