ބޮލީވުޑް އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ނެޓްފްލިކްސް އަށް
ބޮލީވުޑް އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ނެޓްފްލިކްސް އަށް

ބޮލީވުޑްގެ އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ކިޔައިދޭ އުފެއްދުމެއް ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި ގެނެސްދޭ މި އުފެއްދުމަށް ދީފައިވާ ނަމަކީ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އެވެ.

ސިލްސިލާކޮށް ގެނެސްދޭނެ ކަމަށް ބެލެވޭ މި ޝޯގެ ފުރަތަމަ ސީޒަނުގައި ހަތަރު އެކްޓަރެއްގެ އަނބިންގެ "ޕޮޝް" އަދި "ގްލެމަރަސް" ލައިފްސްޓައިލް ދައްކާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި ސަލްމާން ޚާންގެ ކޮއްކޮ ސޮހައިލް ޚާންގެ އަންހެނުން ސީމާ ޚާނާއި ޗަންކީ ޕާންޑޭގެ އަންހެނުން އަދި ވިދަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭގެ އިތުރުން ކުރީގެ މަޝްހޫރު ބަތަލާ ނީލަމް ކޮތާރީ އެވެ. އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވިދައިލި ނީލަމަކީ އެކްޓަރު ސަމީރު ސޯނީގެ އަންހެނުންނެވެ.

މި މީހުންނާ އެކު "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ މި މަހުގެ 27 ގަ އެވެ. މީގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.