14 ނޮވެމްބަރ 2020 - 09:53

ޓީސީ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއިކޮށްފި އެވެ.
އުމުރުން 32 އަހަރުގެ އަނަޓޯލީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީން ވަނީ މީގެ ކުރިން އެ ޓީމަށް ކުޅެފައިވާ ކިރްގިސްތާންގެ ކީޕަރު ރުސްލާން އާމިރޯފާއި ފޯވާޑް ޔޫކްރޭނުގެ ކީރްލޯ ސިލިޗް ވެސް ގެނެސްފަ އެވެ. އެ ޓީމާ ދެން ގުޅުނީ ކިރްގިސްތާންގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް އެވެ.
އަނަޓޯލީ އަކީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައި ޓީސީގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރެކެވެ. އޭނާ ވަނީ އެ ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި މާލޭގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފްގައި ދެއްކި ރަނގަޅު ކުޅުން އަނަޓޯލީ ވަނީ އެ ފަހަރުގެ މާލޭ ލީގުގައި އޭނާ ކުޅުނު މެޗުތަކުގައި ވެސް ތަކުރާރުކޮށްފަ އެވެ. އެހެން ނަމަވެސް އެ މުބާރާތުގެ މެދުތެރެއިން ކަކުލަށް އަނިޔާވުމުން ޓީސީން އޭނާ ދޫކޮށްލީ އެވެ.
ކިރްގިސްތާނާއި އުޒްބެކިސްތާން އަދި ކަޒަކްސްތާންގެ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ކުޅެފައިވާ އަނަޓޯލީ އެންމެ ފަހުން ހުރީ ކިރްގިސްތާންގެ އަލްގާ ބިޝްކެކްގަ އެވެ.
އުމުރުން 30 އަހަރުގެ ކީޕަރު ރުސްލާން ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނީ 2016 ވަނަ އަހަރު އެވެ. އަދި ޔޫކްރޭނުގެ ފޯވާޑް ސިލިޗް ވަނީ މިދިޔަ ސީޒަނުގައި މުހައްމަދު ނަޒީހާއި މިހާރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅެފަ އެވެ. ރުސްލާން ވެސް އެންމެ ފަހުން ހުރީ އަނަޓޯލީއާ އެކު އަލްގާ ބިޝްކެކްގަ އެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުމަށް ފަހު ސިލިޗް ވަނީ ޔޫކްރޭނުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ކޮރްނޯމޮރެޓްސް އޮޑެސާ އަށް ކުޅެފަ އެވެ.
ކަނާތު ބެކަށް ކުޅޭ މަރަޓް މީގެ ކުރިން މުޅިން ވެސް ކުޅެފައިވަނީ ކިރްގިސްތާން ޓީމުތަކަށެވެ. ޔުނައިޓެޑް ވިކްޓްރީ އަކީ އޭނާ ކިރްގިސްތާން ނޫން ގައުމެއްގެ ޓީމަކަށް ކުޅޭ ފުރަތަމަ ފަހަރެވެ.
މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލި ޔުނައިޓެޑް ވިކްޓްރީން ވަނީ ރަނގަޅު ދިވެހި ކުޅުންތެރިންގެ ސޮއި ވެސް ހޯދައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ރަޝީދު (އައްމަޑޭ)ގެ އިތުރުން ހުނަރުވެރި ވިންގް އަހުމަދު ނިޒާމް (ނިޒާމްބެ) ހިމެނެ އެވެ.
ކުރިން އީގަލްސް އަށް ކޯޗުކޮށްދީ އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ކުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އަންނަނީ ޔުނައިޓެޑް ވިކްޓްރީގެ ޕްރީ ސީޒަން ޕްރެކްޓިސްތަކުގައި ބައިވެރިވެ އެހީތެރިވަމުންނެވެ.