ކައިވެނީގެ ސަޕްރައިޒަކަށް މާލޭގައި ދެ މިނެޓުގެ ހަވައެއް
ކައިވެނީގެ ސަޕްރައިޒަކަށް މާލޭގައި ދެ މިނެޓުގެ ހަވައެއް

ކައިވެންޏެއްގެ އުފަލުގައި ސަޕްރައިޒަކަށް ވެރިރަށް މާލޭގައި ދެ މިނެޓަށް މިރޭ ހަވާ އަރުވައިފި އެވެ.

ކައިވެނީގެ ސަޕްރައިޒަކަށް މާލޭގައި ދެ މިނެޓުގެ ހަވައެއް
ކައިވެނީގެ ސަޕްރައިޒަކަށް މާލޭގައި ދެ މިނެޓުގެ ހަވައެއް

މާލޭގައި ހަވާ ނާރުވާތާ ގިނަ ދުވަސްތަކަކަށް ފަހު މިރޭ ޖުމްހޫރީ މައިދާނާ ދިމާލުގައި ހަވާ އެރުވީ، އެނގިފައިވާ ގޮތުގައި، ސޯލްޓުގައި ބޭއްވި ދިވެހި ދެމަފިރިއެއްގެ ކައިވެނީގެ ތެރެއިން ސަޕްރައިޒް އިވެންޓެއްގެ ގޮތުގަ އެވެ.

އާއިލާ އިން އެ ދެމަފިރިންނަށް ދިން ސަޕްރައިޒް ބަލާލަން ގިނަ ބަޔަކު ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި އެވެ. ހަވާ އަރުވާ އަޑަށް ބައެއް ގެތަކުގެ ބެލްކަނިތަކަށް ނުކުމެ ވެސް އެ މަންޒަރުން އުފާފާޅުކޮށް ހެދި އެވެ.

ކައިވެނީގެ އުފަލުގައި ހަވާ އެރުވުން ރާއްޖޭގައި އެހާ އާއްމެއް ނޫނެވެ. މިރޭ އަށެއް ޖަހާއިރު މާލޭގައި ހަވާ އަރުވާކަން އެމްއެންޑީއެފުން ކުރިން އިއުލާންކުރިޔަސް ސަބެބެއް ނުބުނެ އެވެ.

އެތަނުން ބުނެފައި ވަނީ، މިރޭ ހަވާ އަރުވަނީ، ސިފައިންގެ ކޯޕަރޭޓިވް އިން ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ކޮށްދިން ކަމެއްގެ ގޮތުގަ އެވެ.

މާލޭގައި އެންމެ ފަހުން ހަވާ އެރުވީ މި އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ. އޭގެ ފަހުން އެ ކަހަލަ އެއްވެސް ހަރަކާތެއް ނުހިންގާ އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ހަވާ އެރުވުމަކީ ކުރީގެ ރަައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވަރަށް ގިނައިން ބޭއްވި ހަރަކާތެެކެވެ. އެކި މުނާސަބަތާ ގުޅިގެން މާލެ އާއި ރަށްރަށުގައި ވެސް ހަވާ އެރުވި އެވެ.