13 ނޮވެމްބަރ 2020 - 17:27

ވޮޝިންޓަން (ނޮވެމްބަރު 13) - ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ތުހުމަތު އެމެރިކާގެ އިންތިޚާބާ ބެހޭ އޮފިޝަލުން ދޮގުކޮށްފި އެވެ.
އިންތިޚާބާ ބެހޭ ކޮމިޓީން ބުނީ މި ފަހަރު ބޭއްވި އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ.
"އެއްވެސް ވޯޓިން ސިސްޓަމަކުން އެއްވެސް މައުލޫމާތެއް ޑިލީޓްވެ، އެއްވެސް ވޯޓެއް ގެއްލުނުކަމުގެ ހެއްކެއް ނެތް،" ކޮމިޓީން ބުނެފައިވެ އެވެ.
އިންތިޚާބާ ބެހޭ ކޮމިޓީން އެހެން ބުނިއިރު ޓްރަމްޕް ވަނީ އެމަނިކުފާނަށް ލިބިވަޑައިގަތް 2.7 މިލިއަން ވޯޓު "ޑިލީޓްކޮށްލާފައިވާ" ކަމަށް ވިދާޅުވެފަ އެވެ. އިންތިޚާބުން ޖޯ ބައިޑަން ކުރި ހޯއްދެވި ނަމަވެސް ޓްރަމްޕް ވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. އެރިޒޯނާގެ ވޯޓު ކާމިޔާބު ކުރެއްވޭނެކަން ޔަގީންވުމުން ބައިޑަން އަށް 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެކަން ވަނީ ޔަގީންވެފަ އެވެ. މިއީ 1996 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓުގެ ވޯޓު ޑިމޮކްރެޓިކް ޕާޓީ އަށް ލިބުނު ފުރަތަމަ ފަހަރެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 217 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ވެސް ޓްރަމްޕަށް ވުރެ ބައިޑަން އުޅުއްވަނީ 5.3 މިލިއަން ވޯޓު ކުރީގަ އެވެ.
މުހިންމު ބައެއް ސްޓޭޓްތަކުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ބައެއް މައްސަލަތައް ކޯޓަށް ވައްދައިފަ އެވެ. އަދި އެންމެ ފަހުން ކާމިޔާބުވާނީ އެމަނިކުފާނަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.