13 ނޮވެމްބަރ 2020 - 16:32

ޕޮލިސް އިންޓެލިޖެންސްގެ ބަޔަކަށް ވެގެން "ފަރިވާ ސްޓޭ" އަށް ވަދެ ފޭރުނު މައްސަލައިގައި މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު ފަރިވާ ސްޓޭ އަށް ވަދެ އެ ތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވައި ބަނުމަށް ފަހު ފޭރުނުކަމުގެ ތުހުމަތުގައި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މާފަންނު ލެކިއުޓް ކައިރީ ހުންނަ ފަރިވާ ސްޓޭ އަށް ތިން މީހަކު ވަދެ ލެޕްޓޮޕަކާއި ފޯނަކާއި 20،000 އަށް ވުުރެ ގިނަ ރުފިޔާ އާއި ލައްކައެއްހާ ރުފިޔާގެ ރަނާއި އައިފޯނަކާއި ސެމްސަން ފޯނެއްގެ އިތުރުން ހަތަރު ނޮކިއާ ބައްތި ފޯނު ވަގަށް ނެގި އެވެ.
ފޭރުނު މީހުންގެ އަތްދަށުވި ބިދޭސީ ދެ މުވައްޒަފަކު "މިހާރު" އަށް ބުނި ގޮތުގައި އެ ގެސްޓްހައުސަށް ވަދެ ފޭރުނީ ވަގު ޑޮލަރުގެ ވިޔަފާރިއަށް ތުހުމަތުކޮށްފަ އެވެ. އެ މީހުން ތިބީ އަތް ކުރު ކަޅު ޓީޝާޓާއި ކަޅު ފަޓުލޫނުގައި ކަޅު "ޕޫމާ" ލޯގޯ ޖެހި މާސްކު އަޅައިގެން ކަމަށާއި އެ ތަނުން އެކަކު ހުރީ ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންކުރާ ފޭސް ޝީލްޑް ވެސް އަޅައިގެން ކަމަށް ބުންޏެވެ. ގެސްޓް ހައުސްގެ މުވައްޒަފުން ބުނީ ފޭރުނު މީހުން ވަން އިރު ބޭރުގައި ސެކިއުރިޓީ ގާޑެއް ހުންނާނެ ކަމަށާއި އެ މީހާ ގާތު ވެސް އެއީ ފުލުހުން ކަމަށް ބުނެފައިވާ ކަމަށެވެ.
އަތުގައި ކްލިޕް އެޅުވީ ތަންތަން ބަލަމުން ގޮސް އަލަމާރި ތެރޭ ހުރި ފައިސާ ފެނުމާ އެކު އެވެ. ކްލިޕް އަޅުވައި ކޮޓަރި ތެރޭގައި ބޭންދީ ކަމަށާއި އެއަށް ފަހު އަލަމާރީގައި ހުރި 19،500ރ. އާއި އެތަނުން ބިދޭސީއެއްގެ ލެޕްޓޮޕާއި ވޮލެޓުގައި އޮތް 800ރ. ވެސް ނަގައި އެނދުމަތީގައި ބެހެއްޓި ކަމަށް ބުންޏެވެ.