ޓެރަރިޒަމްއާ ގުޅޭ އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ޓެރަރިޒަމްއާ ގުޅޭ އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، މިދިޔަ ބުދަ ދުވަހު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. މާލެ އާއި ތ. ތިމަރަފުށީގެ އިތުރުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި ހަ ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުގެ މީހާ ފިޔަވައި ބާކީ ތިބި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރި އެންމެ ހަގު މީހާގެ ބަންދަށް ކޯޓުން ދީފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

ދެން ހައްޔަރުކުރީ 20 އަހަރާއި 21 އަހަރާއި 29 އަހަރާއި 31 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނުންތަކެކެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.