13 ނޮވެމްބަރ 2020 - 12:46

އިސްލާމީ ރިސާލަތު އިންސާނިއްޔަތަށް ފޯރުކޮށްދެއްވުމަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ކުރެއްވެވި ބުރަ މަސައްކަތްޕުޅު ތަކުގެ ތެރެއިން އެއް މަސައްކަތްޕުޅަކީ އިސްލާމީ އުންމަތުގެ ވަހުދަތު ދެމެހެއްޓެވުމަށްޓަކައި އެކަލޭގެފާނު ކުރެއްވެވި މަސައްކަތްޕުޅުތަކާއި ދެއްވެވި އިރުޝާދު ތަކެވެ. މިގޮތުން ތަފާތު ވަސީލަތްތަކުގެ ބޭނުން ހިއްޕަވައިގެން އެކަލޭގެފާނު އިސްލާމީ އުންމަތް އެއްބައިވަންތަ ކުރެއްވި އެވެ.
މިކަމުގައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވެވި އެންމެ ވަރުގަދަ ވަސީލަތަކީ ނަމޫނާ ޝަޚުޞިއްޔަތެއް ކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވުމެވެ. އެބަހީ އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގެ ހަރުދަނާ ކަމެވެ. އަދި އެކަލޭގެފާނު އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމުގައި ތެދުވެރިވެ ވަޑައިގެންނެވި ކަމެވެ. މިވަރުގަދަ ނަމޫނާގެ ސަބަބުން ބާތިލު އިލާހުންތަކާ މެދު މީސްތަކުންގެ ހިތްތަކުގައި އޮތް ޢަޤީދާ ބަދަލުވެ ތައުހީދުގެ މަތިވެރި ޢަޤީދާ ސާބިތު ވި އެވެ. އީމާންތެރިކަމުގެ ނޫރު މީސްތަކުންގެ ހިތްތަކަށް ފޯރި އެވެ. އަދި މި އީމާންތެރިކަން ދާއިމަށް ދެމިގެންދާނެ އަޅުކަންތައް ދަސްވި އެވެ. މީސްތަކުންގެ ހިތްތައް ނުބައި ސިފަތަކުން ތާހިރު ވިއެވެ. ރިވެތި އަޚްލާޤާއި މާތް ސިފަތައް އުނގެނުނެވެ. ދެކޮޅުވެރި ވުމާއި ދެބަސްވުމާއި އަރާރުންތައް އެއީ ނުބައި ސިފަތަކެއްކަން ހާމަވިއެވެ. ބޮޑާކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި އުޚުއްވަތްތެރިކަމާއި ލޯތްބާއި ހަމަހަމަކަން އެއީ މާތްސިފަތަކެއްކަން ބަޔާންވެގެން ދިޔައެވެ.
ހަމައެފަދައިން ކީރިތި ރަސޫލާ ﷺ ގެ މި މަތިވެރި ނަމޫނާގެ ސަބަބުން، އިންސާނުންނަކީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ރަޙުމަތާ ނުލައި އެއްވެސް އާރެއް ބާރެއް ނެތް ބައެއްކަން އެނގުނެވެ. އެހެންވެ އަމިއްލަ ނަފްސަށް ފަޚުރުވެރިވެ ބޮޑާވެއްޖެ މީހަކަށް ހުރީ ގެއްލުމާއި ހަލާކުކަން ވިސްނުނެވެ. އޭގެ ބަދަލުގައި މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެންމެން އެކުގައި އެކަލާނގެ އެންގެވި ގޮތުގައި ހިފަހައްޓައިގެން ތިބެއްޖެ ނަމަ އެއީ ކާމިޔާބުވުމުގެ މަގުކަން ކަށަވަރު ވި އެވެ. އެހެނީ އިއްޒަތް ލިބިވޮޑިގެންވަނީ މާތް ﷲ އަށެވެ. ދެން އެކަލާނގެ ރަސޫލާ ﷺ އަށެވެ. އަދި އެއަށް ފަހު މުއުމިނުންނަށެވެ. މިސަބަބަށްޓަކައި މާތް ﷲ ގެ މަގުގައި އެންމެން އެކުގައި ހިފަހައްޓައިގެން ތިބުމަށާއި ވަކިވަކިވެގެން ނުދިއުމަށް އެކަލާނގެ ކީރިތި ޤުރުއާނުގައި އަންގަވާފައި ވެ އެވެ. (އާލް ޢިމްރާން 103).
މުސްލިމުންގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ކީރިތި ރަސޫލާ ﷺ ނަމޫނާ ޝަޚްޞިއްޔަތަކަށް ވެވަޑައިގަތުމުގެ އިތުރުން އެކަމަށް އެހީތެރިވެދޭ ވަރަށް ގިނަ އެހެން ކަންކަން މުސްލިމުންނަށް ދަސްކޮށްދެއްވި އެވެ. މިގޮތުން ދުނިޔޭގެ ޒީނަތްތެރިކަމާއި އުފަލާއި އަރާމު އެއީ އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަމާ އަޅާބަލާއިރު އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަން ވިސްނައިދެއްވި އެވެ. މިވިސްނުން އިންސާނާއަށް ލިބިއްޖެ ނަމަ އޭނާގެ އިންސާނިއްޔަތުކަން އުފުލިގެންދާނެ އެވެ. ތިމާ ފަދަ އެހެން އިންސާނުންނާ މެދު ހިތުގައި ލޯބި އުފެދި ވަފާތެރިވުމުގެ ރޫޙު އަށަގަންނާނެ އެވެ. މިވިސްނުމާ އެކު ދެން އެކަލޭގެފާނު އުނގަންނައި ދެއްވީ އުޚްރަވީ ހަޔާތުގެ ނިއުމަތްތަކެވެ. އަދި އެނިއުމަތްތައް ލިބިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވުމާ އެކު ވާދަވެރިކަމުގައި މަސައްކަތް ކުރުމަށެވެ.
އުންމަތް އެއްބައިވަންތަ ކުރެއްވުމަށް އެކަލޭގެފާނު ކުރެއްވެވި އަނެއް ކަމަކީ ވަތަނީ ލޯބި ދީނީ ލޯތްބާ ގުޅުވާލުމެވެ. އެބަހީ ވަތަން ދެކެ ލޯބިވުމަކީ ދީނަށްޓަކައި އޮންނަ ލޯބީގެ ދަށުން ވާން ޖެހޭ ލޯތްބެއްކަމުގައި ހެއްދެވުމެވެ. މިހެން މިކަން އޮތުމުން މިޒަމާނުގައި ހުޅަނގުގެ ގައުމުތަކުން އެގޮވާލާ ވަތަނިއްޔަތާ މި ވަތަނިއްޔަތާ ވަރަށް ތަފާތު ވާނެ އެވެ. ހުޅަގުގެ ވަތަނިއްޔަތުގައި ދީނަކީ މައި ތަނބެއް ނޫނެވެ. އެހެންވެ ވަތަނިއްޔަތަށްޓަކައި ދީނާ ފުށުއަރާ ކަމެއް ކުރުމަކީވެސް މައްސަލައެއް ނޫނެވެ. އެކަމަކު އިސްލާމީވަންތަ ވަތަނިއްޔަތުގައި އަސާސަކީ ދީނެވެ. ދީނާ ފުށުއަރާ ނަމަ އެއީ ވަތަނަށް މަންފާއެއް އޮތް ކަމެއް ކަމުގައި ނުބަލާނެ އެވެ. ވަތަނަށް މަންފާހުރި ކަންކަން ކަމުގައި ބަލާނީ އިސްލާމީ އުންމަތް އަގުކުރާ ކަންކަން އެކަންޏެވެ.
މިހެންވެ އުންމަތުގެ އަގުތައް ދިފާއު ކުރުމުގައި އެންމެން އެއްބައިވެ އެކަތިގަނޑަކަށް ވެގެން ތިބުމަށް ކީރިތި ރަސޫލާ ﷺ އިލްތިމާސް ކުރެއްވި އެވެ. މި އިލްތިމާސް އާ އެކު، އެއް މުސްލިމަކު އަނެއް މުސްލިމަކާ އޮންނަ ގުޅުމަކީ ބިނާއެއްގެ އެއްބަޔާ އަނެއްބައި ގުޅުވައި ވަރުގަދަ ކުރުން ފަދަ ކަމެއްކަން ވިސްނައިދެއްވި އެވެ. އަދި މިގުޅުން ނެތްނަމަ އުދުވާނީ ހަމަލާ ތަކުން ސަލާމަތްވާން އުނދަގޫވާނެކަން ބަޔާން ކުރެއްވި އެވެ. އަދި މިފަދަ ދަށު ހާލަތަކަށް ގޮސްފިނަމަ މާތް ﷲ ގެ ރުހިވޮޑިގަތުމުން އެއްކިބާވާނެ ކަމާއި އެންމެ ފަހުން ތިމާގެ އީމާންތެރިކަން ދަށްވެގެންދާނެ ކަން ހާމަކޮށްދެއްވި އެވެ. މިހުރިހާ ކަމެއްގެ އިތުރުން އިސްލާމީ އުންމަތަކީ މާތް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާ ކިޔަމަންތެރި ބައެއްގެ ގޮތުގައި ހެއްދެވުމަށް އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވި އެވެ.
ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވެވި މައިގަނޑު ތިން ކަންތަކުގެ ތެރެއިން އެއްކަމަކީ މުހާޖިރުންނާއި އަންސާރުންގެ މެދުގައި އަޚު ކުރެއްވުމެވެ. މިކަން ވެގެންދިޔައީ މަދީނާގައި އުފެދުނު އިސްލާމީ ދައުލަތުގައި އެއްބައިވަންތަކަން ފުރިހަމައަށް ގާއިމުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށެވެ. ވީއިރު މިއަދު ވެސް މުސްލިމުން އެއްބައިވަންތަވުމަށް އެންމެ މުހިންމު އެއް ކަމެއް ކަމުގައި ވާނީ އަޚުވަންތަކަން ދެމެހެއްޓުމެވެ. އެހެނީ އިސްލާމީ ވަހުދަތަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީ އެވެ.
ވީމާ މުސްލިމް ޖަމާއަތުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ތައައްސުބުވަންތަކަމެއް އޮވެގެން ނުވާނެ އެވެ. ކުލައާއި ޖިންސާއި ބަހާއި ހަސަބާއި މަޒުހަބާއި ޕާޓީއާއި މިއިން އެއްވެސް އެއްޗަކީ އެއަށް ތައައްސުބުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަބަބަކީ އެހުރިހާ ކަމަކަށްވުރެ މަތީގައި އިސްލާމީ އުޚުއްވަތްތެރިކަން އޮންނާތީ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ތައައްސުބު ވުމަށް ގޮވާލާ މީހާ އާއި އެކަމަށް ފަރުވާތެރިވާ މީހާއާއި އެކަމުގެ މަތީހުރެ މަރުވެދާ މީހަކީ މުސްލިމުންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. (އަބޫ ދާއޫދު). މުސްލިމުން ބައިބައިވެ ނުދިއުމަށް ކީރިތި ޤުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅާފައި ވެއެވެ.
މިގޮތުން މުސްލިމުން ބައިބައި ކުރުވަން އަދުއްވުން ރާވާ މަކަރުވެރި ރޭވުންތަކުގެ ތެރެއަށް ނުވަނުމަށް އަންގަވާފައިވެ އެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވެ އެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބިގެންވާ މީހުންގެ ތެރެއިން ބަޔަކަށް ތިޔަބައިމީހުން ކިޔަމަންވާ ނަމަ، ތިޔަބައިމީހުންގެ އީމާންކަމަށްފަހު، ކާފިރުން ކަމުގައި، އެބައިމީހުން ތިޔަބައިމީހުން ރައްދުކޮށްފާނެ އެވެ.” (އާލް ޢިމްރާން 100) މިއާޔަތަށް ފަހު ދެން އޮތް އާޔަތުގައި އަންގަވަނީ ﷲ ގެ ރައްކާތެރިކަން ލިބިގެންފިމީހާ އަށް ސީދާވެގެންވާ މަގުފެނިއްޖެ ކަމަށެވެ. އެހެންވެ ތަޤުވާވެރިވުމަށާއި މުސްލިމުންގެ ގޮތުގައި ތިބެ މެނުވީ މަރުވެގެން ނުދިއުމަށް ޖެހިގެން އޮތް އާޔަތުގައި އެންގެވުމަށް ފަހު އޭގެ ފަހު އާޔަތުގައި، މާތް ﷲ ގެ ރައްކާތެރިކަން އެންމެން އެކުގައި ލިބިގަނެ (އެބަހީ ﷲ އެންގެވި ގޮތުގައި އެންމެން ހިފަހައްޓައި) އަދި ވަކިވަކިވެ ނުދިއުމަށް އަންގަވާފައި ވެ އެވެ. މިމޭރުމުން ގޮސް ބައިބައިވުމުގެ ހުރި ގެއްލުމުގެ ވާހަކަވެސް ބަޔާން ކުރައްވާފައި ވެ އެވެ. އަދި މިގެއްލުން ބަޔާން ކުރެއްވުމުގެ ކުރިން، “ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށް ހެޔޮކަމުގެ މަގަށް ގޮވައި އުޅޭ ބަޔަކު” އުންމަތުގެ ތެރެއިން ވުމަށް އަންގަވާފައި ވެ އެވެ.
މިކަންކަމަށް ފުންކޮށް ވިސްނާލުމުން އެނގިގެން ދަނީ އިސްލާމީ އުންމަތުގެ ވަހުދަތު ހިފަހައްޓާ އެންމެ މުހިންމު ކަމަކީ، އެ އެއްޗެއްގައި އެންމެން ހިފަހައްޓައިގެން ތިބެންޖެހޭ ވަރުގަދަ މަންހަޖެއްގެ ގޮތުގައި މާތް ﷲ ގެ މަންހަޖު އޮތުމާއި އެމަންހަޖު ތަންފީޒު ކުރެވިގެން ދިއުމެވެ. ވީމާ ބަހާއި ޖިންސާއި ކުލައާއި މަޒުހަބުގެ ގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކާ ތަފާތުވިއަސް އެއީ އިސްލާމީ އުޚުއްވަތްތެރިކަން ގެއްލެންވީ ކަމެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ގެ އަމަލުފުޅުތަކާއި އިރުޝާދުތަކުގެ އެހީގައި އިސްލާމީ އުޚުއްވަތްތެރިކަމާއި އަދި އޭގެ ނަތީޖާ ކަމުގައިވާ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ މަސައްކަތެކެވެ.