13 ނޮވެމްބަރ 2020 - 10:20

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން 51،354 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް މި މަހު އެކަނި 10،972 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ ބޯޑަރު ހުޅުވިފަހުން މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި ފަހަރެވެ.
މިއަހަރުގެ ތެރޭގައި މިހާތަނަށް 434،201 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ކޮވިޑް-19ގެ ސަބަބުން މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާ ކޮށްފައިވަނީ 500،000އެއްހާ ޓޫރިސްޓުންނެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ ރަޝިޔާ އިންނެވެ. އެ ގައުމުން މިހާތަނަށް 11،240 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސި ވިލާތުން 4،468 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ރާއްޖެއަށް ޓޫރިސްޓުން އަންނަ އެހެން ގައުމުތަކުތެ ތެރޭގައި އެމެރިކާ އާއި ޔޫއޭއީ އާއި އިންޑިއާ ޖަރުމަން އަދި ޔޫކްރެއިން އާއި ފްރާންސް ހިމެނެ އެވެ.
ރާއްޖެއަށް މިވަގުތު 15 އެއާލައިނަކުން އަންނަނީ ދަތުރު ކުރަމުންނެވެ. އަދި މިހާތަނަށް 10 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝެޑިއުލް ކޮށްފަ އެވެ. ރާއްޖެއަށް އަލުން ދަތުރު ފަށާ އެއާލައިންތަކުގެ ތެރޭގައި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިނާއި ނޯޑްވިންޑާއި އަޒުރް އެއާ އާއި އަލިޓާލިއާ އަދި ގަލްފް އެއާ ފަދަ ބޮޑެތި އެއާލައިންތައް ހިމެނެ އެވެ.