ޔުނައިޓެޑްގެ އިތުބާރު ސޯލްޝެއާ އަށް އެބައޮތް: ވުޑްވާޑް
ޔުނައިޓެޑްގެ އިތުބާރު ސޯލްޝެއާ އަށް އެބައޮތް: ވުޑްވާޑް

މެންޗެސްޓާ (ނޮވެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންނާއި ކްލަބަށް ހެޔޮއެދޭ އެންމެންގެ އިތުބާރު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެބައޮތް ކަމަށް އެ ޓީމުގެ ޗީފް އެގްޒެކްޓިވް އެޑް ވުޑްވާޑް ބުނެފި އެވެ.

މި ފަަހަރުގެ ސީޒަނުގައި މިހާތަނަށް ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑަށް ރަނގަޅު ފޯމެއް ދެމެހެއްޓުމުގައި އުނދަގޫތަކެއް ދިމާވެފައިވާއިރު، އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކޮށް ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަން މަޝްވަރާކުުރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ވުޑްވާޑް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ދަނޑުމަތީގައި އަހަރެމެން ބުރަ މަސައްކަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނަތީޖާތަކެއް ނެރެން ބޭނުން. އަހަރެމެން ޔުނައިޓެޑާ ގުޅުން ހުރި އެންމެން މިތިބީ ސޯލްޝެއާގެ ޓީމާ އެކު ޔުނައިޓެޑް ރަނގަޅު މިސްރާބަކަށް ގެންދަން އަމާޒުހިފައިގެން،" ވުޑްވާޑް ބުންޏެވެ.

ޔުނައިޓެޑުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އަދި އަމިއްލަ ދަނޑުގައި މޮޅެއް ނުލިބެ އެވެ. ސޯލްޝެއާ މީގެ ކުރިން ވަނީ އަމިއްލަ ދަނޑުގައި ނަތީޖާ ނެރެން އުނދަގޫވަނީ ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ. ސޯލްޝެއާގެ އެ ވާހަކަަތަކަށް ވުޑްވާޑް ވެސް ތާއީދުކުރެ އެވެ.

"މާލީ ގޮތުން ބަލާއިރު ވެސް އަހަރެމެންގެ ނަތީޖާތަކަށް ބަލާއިރު ވެސް ފެންނަން އޮތް ހަގީގަތެއް އެއީ ސަޕޯޓަރުން ނެތުމުގެ އަސަރު އަހަރެމެން ޓީމަށް އެބަކުރޭ. އުއްމީދަކީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބި ވީ އެންމެ އަވަހަކަށް ސަޕޯޓަރުން ދަނޑަށް ވެއްދޭނެ ގޮތެއް ވުން،" ވުޑްވާޑް ބުންޏެވެ.

ޔުނައިޓެޑްގައި އޭނާގެ މުސްތަގުބަލާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މީގެ ކުރިން ސޯލްޝެއާ ވެސް ވަނީ ބުނެފަ އެވެ. އަދި ކުރިން ޔުނައިޓެޑް އޮތް ހިސާބަށް ގެންދެވޭނެ ފެންވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށާއި ޔުނައިޓެޑް ކާމިޔާބު ހޯދޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަން ސޯލްޝެއާ އޭރު ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފައިވެ އެވެ.