12 ނޮވެމްބަރ 2020 - 23:57

މާލެ ސަރަހައްދުން ފެންނަ ކޮވިޑް-19 ގެ އަންލިންކްޑް ކޭސްތައް މަދު ނުވަނީސް ކަރަންޓީން ނުވެ ރަށްރަށަށް ދިއުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.
އެ އިދާރާގެ މީޑިއާ ބްރީފިންގައި، ރަށްރަށަށް ދާ މީހުންގެ ކަރަންޓީނާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ވެސް ކޮވިޑް ކޭސްތަކުގެ 22 ޕަސެންޓަކީ އެނގިގެން އެއްވެސް ޕޮޒިޓިވް ކޭސް އަކާ ބައްދަލުވެ، އެ ކަހަލަ އެއްވެސް ގުޅުމެއް ނެތް ބައެއް ކަމަށެވެ.
އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް ބަޔަކަށް އުނދަގޫވާ ގޮތަކަށް އުސޫލެއް ގެންގުޅެން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ފިޔަވަޅަކަށް ލުއި ދިނުމުގައި ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި ކޮވިޑް ކޭސްތައް ގިނަވިއިރު ވެސް ސިއްހީ ދާއިރާގެ މީހުން އަތޮޅުތެރެއިން މާލެ ގެންނަން ޖެހުނު ކަމަށެވެ. އެހެންވެ، އަތޮޅުތެރޭގައި ސިއްހީ ދާއިރާގެ ގާބިލްކަމާ މެދު ވިސްނަންޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ރަށްރަށަށް ކަރަންޓީނަށް ގޮސް، ކަރަންޓީން ނިމިގެން ޓެސްޓު ކުރިއިރު 198 މީހަކު އެބަވޭ ޕޮޒިޓިވްވެފައި. އަޅުގަނޑުމެން މި ގޮތަށް ކަރަންޓީން ނުކޮށް މީހުން ދޫކޮށްލި ނަމަ މި 198 ކޭސް އަކީ އަތޮޅުތެރޭގައި ފެތުރިގެންދާން ކޭސްތައް،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމަށް ހުޅުވާލައި ޓޫރިސްޓުންނަށް ކަރަންޓީން ނުވެ ރަށްރަށަށް ދެވޭ ގޮތަށް އޮތުމުން އާންމުންގެ ޝަކުވާތައް ގިނަވެފައި ވާތީ ޑރ. ނަޒްލާ ވިދާޅުވީ، އެގޮތަށް ދާ ޓޫރިސްޓުން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކަރަންޓީނާ ނުލައި ދޫކޮށްލައިފި ނަމަ ދިވެހިން ވެސް ހަމަ އެގޮތަށް އެ ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޓޫރިސްޓުންނާއި ދިވެހިންނާ ތަފާތު ކަމަށް ވިދާޅުވި އެވެ. .
"ދިވެހިން ގޮސްފިއްޔާ އާއިލާއާ އެކު ވަގުތު ހޭދަކުރުން، ރައްޓެހިންގެ ގޭގެ އަށް ޒިޔާރާތް ކުރުން، މައިޒާންތަކަށާއި ފިހާރަތަކަށާއި ތަންތަނަށް ދިއުމާއި ސްކޫލްތަކާއި ބޯކޮށާ ތަންތަނާއި ހިދުމަތްދޭ ހުރިހާ ތަނަކަށް ރަށްރަށުގައި ދާނެ. މީހުންނާ ދިމާވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މާލެ އެކޭ އެއްގޮތަށް ގެސްޓު ހައުސް އޮޕަރޭޓްކުރާ ރަށްރަށުން އެހެން ރަށަކަށް ކަރަންޓީނާ ނުލައި ނުދެވޭ ގޮތަށް އޮންނަނީ ވެސް ހަމަ އެ ސަބަބަށްޓަކަ އެވެ. ކޮވިޑަށް މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދުތަކަށް ބަލައި ވީ އެންމެ އަވަހަކަށް ލުއި ދޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.