މައިކަލް ބޭގެ "އެމްބިއުލާންސް" ގައި ޖޭކް ޖިލެންހާލް
މައިކަލް ބޭގެ "އެމްބިއުލާންސް" ގައި ޖޭކް ޖިލެންހާލް

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މައިކަލް ބޭ ޑައިރެކްޓްކުރާ ތުރިލާ "އެމްބިއުލާންސް" އަށް މަޝްހޫރު އެކްޓަރު ޖޭކް ޖިލެންހާލް ސޮއިކޮށްފި އެވެ.

މައިކަލް ބޭގެ "އެމްބިއުލާންސް" ގައި ޖޭކް ޖިލެންހާލް
މައިކަލް ބޭގެ "އެމްބިއުލާންސް" ގައި ޖޭކް ޖިލެންހާލް

ވެރައިޓީން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ނިންމާފައިވާ އިރު، މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޓީވީ ސިލްސިލާ "ޑިސެޕްޝަން" އާއި ސިލްސިލާ "ޗަކް" ގެ ރައިޓަރު ކްރިސް ފެޑާކެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ޖޭމްސް ވެންޑަބިލްޓާއި ބްރެޑްލީ ފިޝާގެ އިތުރުން ވިލް ޝެރެކް ހިއްސާވާނެ އެވެ.

"އެމްބިއުލާންސް" ގެ ޕްލޮޓާއި މީގެ އިތުރު ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހިއްސާއެއްނުކުރެ އެވެ.

"ބްރޯކްބެކް މައުންޓެން" އާއި "ޒޮޑިއަކް" އާއި "ސޯސް ކޯޑް" އާއި "އެންޑް އޮފް ވޮޗް" އާއި "ނައިޓްކްރޯލާ" ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ ޖޭކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުގެ ތެރޭގައި "ފްރާންސިސް އެންޑް ދަ ގޯޑްފާދާ" ހިމެނެ އެވެ.

"ޓްރާންސްފޯމާ" ސީރީޒްގެ ފިލްމުތަކާއި "ޕެއިން އެންޑް ގެއިން" ވެސް ގެނެސްދިން ބޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރިމިއާކުރި ރަޔަން ރެނޮލްޑްސްގެ "6 އަންޑަގްރައުންޑް" އެވެ. ބޭގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ރޮބޮކެލިޕްސް" ފާހަގަކޮށްލެވެ އެވެ.