ސްޓާ ޕްލަސް އަށް މި ފަހަރު "އިމްލީ"
ސްޓާ ޕްލަސް އަށް މި ފަހަރު "އިމްލީ"

ސްޓާ ޕްލަސް އަންނަ ހޯމަ ދުވަހުގެ ރޭ "އިމްލީ" ކިޔާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މީގެ ޕްރޮމޯތަކެއް ވެސް އެ ޗެނެލުން ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. "އިމްލީ" އަކީ ރަށްފުށުގެ ވަރަށް އާދައިގެ ނިކަމެތި އާއިލާއެއްގެ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ޕްރޮމޯތަކުން ފެންނަ ގޮތުގައި މީގެ ވާހަކަ އެނބުރޭނީ ރަށްފުށަށް ދަތުރުވަރެއްގައި ދާ ޒުވާނަކާއި "އިމްލީ" އާ ދެމެދު ހިނގާ ކަންތައްތަކެއްގެ ސަބަބުން އެ ދެ މީހުންނަށް ކައިވެނިކުރަން މަޖުބޫރުވެ، ބީރައްޓެހި މާހައުލަކަށް އިމްލީ ހިޖުރަކުރުމުން ކުރިމަތިވާ ހާދިސާތަކެވެ.

އެގޮތުން އޭނާ ކައިވެނިކުރި މީހާ އަކީ މީހެއްގެ ފިރިއެއްކަން އެނގުމުން ދިމާވާ އަސަރު ގަދަ ހާދިސާތަކެއް އިމްލީގެ ވާހަކައިން ކިޔައިދޭނެ އެވެ.

"އިމްލީ" މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދައްކަން ފެށުމަށް ފަހު ކޮންމެ ހަފުތާއެއްގެ ހޯމަ ރެއިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް އެޕިސޯޑްތައް ގެނެސްދޭނެ އެވެ. އެއީ ރާއްޖެ ގަޑިން 8:00 ގަ އެވެ.

"އިމްލީ" ގެ މައިގަނޑު ރޯލްތަކުން ފެންނާނީ މަޔޫރީ ދޭޝްމުކާއި ގަޝްމީރު މަހާޖާނީގެ އިތުރުން ސުމްބުލް ތޯގީރެވެ.

ސްޓާ ޕްލަސް އިން މި ފަހުން ގެނެސްދޭން ފެށި އާ ސިލްސިލާތަކުގެ ތެރޭގައި "އަނޫޕަމާ" އާއި "ލޮކްޑައުން ކީ ލަވް ސްޓޯރީ" އާއި "ޝާދީ މުބާރަކް" އާއި "ގުމް ހެ ކިސީ ސެ ޕިޔާރު ކޭ" ގެ އިތުރުން "ސާތު ނިބާނާ ސާތިޔާ 2" ހިމެނެ އެވެ.