12 ނޮވެމްބަރ 2020 - 13:22

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސްއާ ދެކޮޅަށް ފައިޒާ އާއި ބައޮއެންޓެކް ގުޅިގެން އީޖާދުކުރި ވެކްސިންގެ މައި މޭސްތިރިއަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ އެކަމަކު މިހާރު ޖަރުމަނުގެ މުސްލިމް ރައްޔިތެކެވެ. ޑރ. އުގޫރް ސާހިން، އާއި އޭނާގެ އަނބިކަނބަލުން އޮޒްލެމް ތުރޭޝީގެ ކުންފުނި ބައޮއެންޓެކްއިން ކެންސަރަށް ހާއްސަކޮށްގެން ތައްޔާރުކުރަމުން އަންނަ ފަރުވާތަކުގައި އީޖާދުކުރި އުކުޅުތަކަކީ، ކޮރޯނާވައިރަސްއާ ދެކޮޅަށް އެހާ އަވަހަށް އަދި ކާމިޔާބުގެ އުއްމީދު ބޮޑު ވެކްސިނަކާ ހަމައަށް ދެވުނު ސަބަބެވެ.

މީގެ ދެ އަހަރު ކުރިން ބާލިންގައި އޮތް ސިއްހީ ތަޖުރިބާކާރުންގެ ބައްދަލުވުމެއްގައި ޑރ. ސާހިން ވިދާޅުވީ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ނަމަ އެ ބައްޔަކާ ދެކޮޅަށް ވަރަށް އަވަހަށް ވެކްސިނެއް ހެދޭނެ ފެންވަރަށް ބައޮއެންޓެކްގެ އާރުއެންއޭ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާ ކަމަށެވެ. އޭރު ކޮވިޑް-19 ކަހަލަ ބަލިމަޑުކަމެއް ކުރިމަތިވެ، ދުނިޔެ މި ގޮތަށް ހުއްޓިދާނެ ކަމަށް، އެކަކަށް ވެސް ގަބޫލެއްނުކުރެވެ އެވެ.
ޑރ. ސާހިން އެވާހަކަ ދެއްކެވި އިރު، ބައޮޓެކްނޮލޮޖީގެ ދާއިރާގައި އަލަށް އުފައްދާ ކުންފުނިތަކުގެ ބޭރުން، އޭނާގެ ބައޮއެންޓެކް އަކީ މާ ގިނަ ބަޔަކަށް އެނގޭ ކުންފުންޏެއް ނޫނެވެ. އަނބިކަނބަލުންނާ އެކު އުފެއްދެވި ކުންފުނިން އޭރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކެންސަރުގެ އާ ފަރުވާތަކަށެވެ. އެކަމަކު އޭރު ވެސް އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް މާކެޓަކަށް ނުނެރެ އެވެ.
އެކަމަކު އެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަ މިއަދު މިވަނީ ގާތްގަނޑަކަށް ހަގީގަތަކަށް ވެފަ އެވެ. ބައޮއެންޓެކް އާއި ފައިޒާ ގުޅިގެން ހެދި ވެކްސިންގެ އެންމެ ފަހުގެ އަޖުމަބެލުމުން އެނގެނީ، ވެކްސިންގެ ދެ ޑޯޒް ދޭ މީހުންގެ ދިފާއީ ނިޒާމު، ކޮރޯނާވައިރަސްއާ ދެކޮޅަށް 90 ޕަސެންޓް ކާމިޔާބުކަމެވެ. މިއީ ވެކްސިނަކަށް ބަލާއިރު ވަރަށް ބޮޑު ހާސިލްވުމެކެވެ.
"މިއީ ކޮވިޑްގެ ޒަމާން ނައްތާލުމުގެ ފެށުމެއް،" ވެކްސިންގެ ކާމިޔާބުކަމުގެ ހަބަރާ އެކު، ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިިންޓަވިއުއެއްގައި ޑރ. ސާހިން ވިދާޅުވި އެވެ.
އޭނާ އާއި ބައޮއެންޓެކް ޓީމުން ވެކްސިން ތައްޔާރުކުރަން ފެށީ ޖެނުއަރީގަ އެވެ. އެ ހިޔާލު އައީ ސިއްހީ ދާއިރާގެ ދިރާސާތައް ޝާއިއުކުރާ މަޖައްލާ ދަ ލެންސެޓްގައި ޖެހި ރިޕޯޓަކުންނެވެ. އޭރު ކޮރޯނާވައިރަސް ފެތުރެމުން ދަނީ ހަމައެކަނި ޗައިނާގެ ބައެއް ހިސާބުތަކުގަ އެވެ. އެކަމަކު ޑރ. ސާހިން ގަބޫލުކުރެއްވީ މުޅި ދުނިޔެއަށް ކުރިމަތިވާ ބަލިމަޑުކަމަކަށް އެ ނުރައްކާ ބަދަލުވެދާނެ ކަމެވެ.
ބައޮއެންޓެކްގެ ސައިންސްވެރިން ޗުއްޓީތައް ކެންސަލްކޮށް މަސައްކަތް ފެށީ "ޕްރޮޖެކްޓް ލައިޓްސްޕީޑް"ގެ ނަމުގަ އެވެ.
"އަޅުގަނޑުމެންނަށް އެކަން ކުރެވޭހާ އަވަހަށް، އަދި އެ ގާބިލްކަން ހުރި މާ ގިނަ ކުންފުނިތަކެއް ދުނިޔެއަކު ނެތް،" ޑރ. ސާހިން ވިދާޅުވި އެވެ.
"އެހެންވީމާ އެއީ ހަމައެކަނި ހުޅުވުނު ފުރުސަތެއް ނޫން. އެންމެ ފުރަތަމަ ވެކްސިނެއް ހޯދޭނެ ބަޔަކަށް ވެދާނެތީ އިހުސާސްކުރެވުނީ އެއީ އަދާކުރަން ޖެހޭ ވާޖިބެކޭ."
ފައިޒާއާ ގުޅުނީ، އެވަރުގެ ކަމަކަށް ބޭނުންވާ ހުއްދަ އާއި އަވަހަށް ކުރަން ޖެހޭ ޓެސްޓްތަކާއި ގިނަ އަދަދަކަށް ވެކްސިން ޑޯޒް އުފެއްދުން ފަދަ ކަންކަން ކުރެވޭނެ ގާބިލް ބޮޑު ކުންފުންޏެއް ބޭނުންވާތީ އެވެ. ރޯގާއަކަށް ދޭ ވެކްސިނެއް އުފައްދަން އަމާޒުކޮށް މި ދެ ކުންފުނިން 2018 އިން ފެށިގެން އަންނަނީ މަސައްކަތް ވެސް ކުރަމުންނެވެ. އެހެންކަމުން މި ދާއިރާގައި ބައޮއެންޓެކް އާއި ފައިޒާ އަކީ ނުދަންނަ ބައެއް ނޫނެވެ.
އުމުރުން 55 އަހަރުގެ ޑރ. ސާހިން އޭނާގެ މައިންބަފައިންނާ އެކު ޖަރުމަނަށް ހިޖުރަކުރެއްވީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. ކުޑައިރުއްސުރެ ވެސް އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވެވަޑައިގަންނަވާށެވެ. އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށް ވެވަޑައިގަތެވެ. އޭގެ ފަހުން ކެންސަރު ސެލްތަކަށް އިމިއުނޯތެރަޕީ ދިނުމުގެ ދާއިރާއިން ޕީއެޗު.ޑީ ހާސިލްކުރެއްވި އެވެ.
އަނބިކަނބަލުން ޑރ. ތުރޭޝީ އަކީ ވެސް ތުރުކީއަށް ނިސްބަތްވެވަޑައިގަންނަވާ އެކަމަކު ޖަރުމަނަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ވެސް ސިއްހީ ޑޮކްޓަރެކެވެ. ދެ ބޭފުޅުންގެ ކުންފުނީގެ އަގު މި ފަހުން 21 ބިލިއަން ޑޮލަރަށް ވެސް އެރި އެވެ.
މިހާރު 1،800 މުވައްޒަފުން ތިބި ބައޮއެންޓެކުން ކެންސަރުގެ އިތުރުން އެހެން ބައެއް ބަލިތަކާ ދެކޮޅަށް ވެސް އާ ފަރުވާތައް އަންނަނީ އީޖާދުކުރަމުންނެވެ. އެގޮތުން އެޗުއައިވީ އާއި ކެއްސުން ބައްޔާ ދެކޮޅު ފަރުވާތައް އުފައްދަން، މައިކްރޮސޮފްޓްގެ ބާނީ އަދި މިހާރު އިންސާނިއްޔަތުކަމަށް ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ ބިލް ގޭޓްސްގެ ފައުންޑޭޝަނުން ވަނީ މިދިއަ އަހަރު ބައޮއެންޓެކް އަށް 55 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން މުސްލިމް އިލްމުވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ކޮންމެ ދެ އަހަރަކުން އެއް އަހަރު އީރާނުން ދޭ މުސްތޮފާ ޕްރައިޒް މިދިއަ އަހަރު ޑރ. ސާހިންއަށް ލިބިވަޑައިގަތެވެ.
އޭނާ އާއި އަނބިކަނބަލުން ދިރިއުޅުއްވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ޖަރުމަނުގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަތަސް މިހާރު ވެސް އޮފީހަށް ވަޑައިގަންނަވަނީ ބައިސްކަލްގަ އެވެ. ދެ ބޭފުޅުން ކުރެ އެކެއްގެ އަތުގައި ވެސް ކާރެއް ނޯވެ އެވެ.
ވެކްސިންގެ ނަތީޖާ ދެ ބޭފުޅުންނަށް އެނގިވަޑައިގަތީ އާދިއްތަދުވަހުގެ ރެ އެވެ. އެކަން ފާހަގަކުރެއްވީ، ގޭގައި، ތުރުކީގެ ސައިތައްޓަކުންނެވެ.
"އަޅުގަނޑުމެން އެ އުފާ ފާހަގަކުރިން. ލިބުނު ވަރަށް ބޮޑު ހަމަޖެހުމެއް،" ޑރ. ސާހިން ވިދާޅުވި އެވެ.
މިހާތަނަށް ހުރިހާ ވެކްސިނެއް ވެސް ހަދަމުން އަންނަނީ ބަލި ޖައްސާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު ކޮރޯނާވައިރަސްއާ ދެކޮޅަށް ބައޮއެންޓެކް އިން ތައްޔާރުކޮށްފައި މިވަނީ އޭގެ އަސްލު ވައިރަސްގެ ބަދަލުގައި، ވައިރަސްގެ ޑީއެންއޭ ކޯޑެއް ބޭނުންކޮށްގެންނެވެ. އާންމުކޮށް އެއަށް ކިޔަނީ މެސެންޖާ އާރުއެންއޭ ނުވަތަ އެމްއާރުއެންއޭ އެވެ.
އަސްލު ވައިރަސް ބޭނުންކޮށްގެން ވެކްސިނެއް ހަދަން އާންމުކޮށް 10-15 އަހަރު ނަގަ އެވެ. އަދި ގިނަ އަދަދަކަށް ތައްޔާރުކުރަން، މިސާލަކަށް ކުކުޅު ބިހުގެ ތެރެއަށް ފޮނުވައިގެން ވައިރަސް ގިނަކުރަން، އެތައް މަހެއް ނަގަ އެވެ. އެކަމަކު އެއާ ހިލާފަށް އެމްއާރުއެންއޭ ބޭނުންކޮށްގެން ވެކްސިން ތައްޔާރުކުރަން އެހާ ފަސޭހަވެފައި، އަވަހެވެ.
އެމްއާރުއެންއޭ ވެކްސިން ދިނުމުން ހަށިގަނޑުގެ ދިފާއީ ސެލް ތެރެއަށް ވަދެ، ކޮރޯނާވައިރަސް ދެނެގަނެ، އެއާ ދެކޮޅަށް ތައްޔާރުވެ އެވެ. އަދި ވެކްސިން ދޭ މީހާގެ ހަށިގަނޑަށް އަސްލު ކޮރޯނާވައިރަސް އަރައިފި ނަމަ، ސެލްތައް އެއާ ދެކޮޅަށް ހަމަލާދީ، ނައްތާލަ އެވެ.
މިހާރު ބޭނުންކުރާ ވެކްސިންތަކުގައި، ދިފާއީ ނިޒާމުން ވަކި ވައިރަހެއް ނުވަތަ ޖަރާސީމެއް ދެނެގަންނަ ގޮތް ހަދަނީ ބާރު ދެރަކޮށްފައިވާ/ނުވަތަ މާރާލާފައިވާ ވައިރަހެއް ނުވަތަ ޖަރާސީމެއް، އެ ވެކްސިނެއްގައި ހިމަނައިގެންނެވެ. އޭގެ ބޭނުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ވައިރަސް ދެނެގަތުމުގެ ބާރު ލިބިދިނުމެވެ.
ހަށިގަނޑަށް އެއްވެސް އިރަކު އާ އެއްޗެއް ވަދެގެންފި ނަމަ ދިފާއީ ނިޒާމު އެއާ ދެކޮޅަށް ހަރަކާތްތެރިވެ އެވެ. އެކަމަކު ބައެއް ކަހަލަ އާ ވައިރަސް އާއި ޖަރާސީމު، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނޭނގި، ނުވަތަ އޮޅުވާލައިގެން، އިންސާނާ ބަލިކޮށްލަ އެވެ. އާ ކޮރޯނާވައިރަސްއަކީ އެކަހަލަ "ވިސްނުންތެރި" އެއްޗެކެވެ.