މަޖީދީ މަގު ހެދުމުގެ ދެވަނަ ބައިގެ މަސައްކަތް މާދަމާ ފަށަނީ
މަޖީދީ މަގު ހެދުމުގެ ދެވަނަ ބައިގެ މަސައްކަތް މާދަމާ ފަށަނީ

މާލޭގެ ބޮޑެތި ބައެއް މަގުތައް އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.

މަޖީދީ މަގު ހެދުމުގެ ދެވަނަ ބައިގެ މަސައްކަތް މާދަމާ ފަށަނީ
މަޖީދީ މަގު ހެދުމުގެ ދެވަނަ ބައިގެ މަސައްކަތް މާދަމާ ފަށަނީ

ހައުސިން މިނިސްޓްރީން މިއަދު ބުނީ މަޖީދީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް މާދަމާ ހެނދުނު ފަށާނެ ކަމަށެވެ. އެ މަސައްކަތް ފެށުމުގެ ކުރިން، މިހާރު ކުރިއަށް ގެންދާ ފުރަތަމަ ސެގްމެންޓްގެ ދަށުން ގާ އެތުރުމުގެ ކަންކަން ނިންމުމަށް ފަހު، އެ ސަރަހައްދު އާއްމުން ބޭނުންކުރުމަށް ހުޅުވާލާނެ ކަމަށް ހައުސިން އިން ބުންޏެވެ.

މާދަމާއިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ދެވަނަ ސެގްމެންޓްގެ ދަށުން ގާ އެތުރުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގާއި އިއްޒުއްދީން މަގާއި އަޅިވިލާ މަގާ ދެމެދު އޮންނަ ސަރަހައްދުގަ އެވެ.

އެ މަސައްކަތް ކުރުމަށް އަށް މަގެއް ބަންދުކުުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ:

- މަޖީދީ މަގާއި އިއްޒުއްދީން މަގާ ގުޅުނު ހިސާބު

- އިއްޒުއްދީން މަގާއި މުނިޔާ މަގާ ގުޅުނު ހިސާބު

- އިއްޒުއްދީން މަގާއި އިރަމާ މަގާ ގުޅުނު ހިސާބު

- ހަނދުވަރީ ހިނގުމާއި މުނިޔާ މަގާ ގުޅުނު ހިސާބު

- ހަނދުވަރީ ހިނގުމާއި އިރަމާ މަގާ ގުޅުނު ހިސާބު

- ނެދުން ގޯޅި

- މަޖީދީ މަގާއި އަޅިވިލާ މަގާ ގުޅުނު ހިސާބު

- ނޫރީ ގޯޅި

މަގު ހެދުމުގެ މަޝްރޫއު މިދިޔަ މަހުގެ ދެވަނަ ދުވަހު ފެށީ މަޖީދީ މަގުން މާފަންނުގެ އެންމެ ކޮޅުންނެވެ. މަޖީދީ މަގުގައި މިހާރު ހުރި ގާތައް ނެގުމަށް ފަހު، ފެން ހިނދުމުގެ ނިޒާމު ވެސް ރަނގަޅުކޮށް، އާ ގާ އެތުރުމަށް ފަހު ޕޭވްމެންޓް ވެސް އަލުން ހަދަން ހަމަޖައްސާފައިވެ އެވެ. އެގޮތުން، މާފަންނު ސަހަރާއާ ދެމެދު އޮންނަ ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ފެށީ ދެ ހަފުތާ ތެރޭގައި ނިންމާ ގޮތަށް ނަމަވެސް، މޫސުން ގޯސްވުމާ ގުޅިގެން އެ މަސައްކަތް ވަނީ ލަސްވެފަ އެވެ.

މަޖީދީ މަގުގެ އިތުރުން މާލޭގެ 13 މަގެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނު މަގު ހިމެނޭއިރު އެ މަގުގައި ތާރު އެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ގާތްގަނޑަކަށް 5.5 ކިލޯމީޓަރުގެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ ޕްލޭން މިނިސްޓްރީން މިހާރު އަންނަނީ އެކުލަވައިލަމުންނެވެ.

މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ. އޭގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއުއާ އެކު މާލެއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާ އެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، މިހާރުގެ އާންމު ޝަކުވާތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.