12 ނޮވެމްބަރ 2020 - 09:43

ކޮވިޑް-19ގެ ސަބަބުން ފަސްކޮށްފައިވާ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް ބާއްވަން އޭއެފްސީން ކަނޑައެޅި ތާރީހުތަކުގެ ތެރެއިން ރާއްޖެ އިން އަންނަ މާޗް މަހު ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އޭއެފްސީން އިއްޔެ ބޭއްވި ބައްދަލުވުންތަކަކަށް ފަހު ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ނިންމާފައިވަނީ ކޮލިފައިން ދެ ވަނަ ބުރުގައި ބާކީ ހުރި މެޗުތައް އަންނަ އަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމާލައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފައިނަލް ބުރުގެ ކުޅުން ފެށުމަށެވެ. އެ ގޮތުން އޭއެފްސީން ކަނޑައެޅި ތާވަލުގައިވާ ގޮތުން މާޗް މަހު ކޮލިފައިންގެ ދެ މެޗެއް އަދި ޖޫން މަހު ދެ މެޗެއް ކުޅޭނެ އެވެ.
މި ގޮތަށް ބަލާއިރު ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗު އޮންނާނީ މާޗް މަހު އެވެ. އެއީ ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ޖޫން މަހު އޮންނާނީ ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
މިއީ ކޮލިފައިން މެޗުތައް ކުރިއަށް ގެންދަން އޭއެފްސީން ތާވަލުކުރި ތިން ވަނަ ފަހަރެވެ. މި މެޗުތައް އެންމެ ފުރަތަމަ ކުޅެން ރާވާފައި އޮތީ މި އަހަރު މާޗް މަހާއި ޖޫން މަހުގަ އެވެ. އެކަމަކު އޭރު ކޮވިޑް-19 ވަރަށް ހަލުވި ކަމާ އެކު ފެތުރޭތީ އެ މުއްދަތުގައި ބޭއްވެން ނެތުމުން ފަސްކުރަން ޖެހުނީ އެވެ. ފަހުން އޭއެފްސީން މަޝްވަރާކުރުމަށް ފަހު މިދިޔަ ޖޫން މަހު މެޗުތައް ބާއްވަން ކަނޑައެޅީ މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ. އެހެން ނަމަވެސް ފަހުން ވެސް ކޮވިޑް-19ގެ ކަންތައްތަކުން އަރައިގަނެވިފައިނުވާތީ ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްކުރަން ފީފާ އާއި އޭއެފްސީން ނިންމީ އެވެ.
ކޮލިފައިންގައި ރާއްޖެ ފުރަތަމަ ކުޅެން އޮތީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާ މެޗު އެ ގައުމުގައި ބޭއްވެން ނެތުމުން މާޗް މަހު އެ މެޗު ތައިލެންޑަށް ބަދަލުކޮށްގެން ކުޅެވޭތޯ ބެލި ނަމަވެސް ފަހުން ޖެހުނީ ފަސްކުރާށެވެ.
ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕު އޭގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.
މި އަހަރު ކުރީކޮޅު ގައުމީ ޓީމާ ހަވާލުވި ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ރަސްމީކޮށް އަދި މެޗަކަށް ނުކުމެފައެއް ނުވެ އެވެ. ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފައިވާއިރު، ކޮވިޑާ ހެދި މެޗުތައް ފަސްކުރުމުން ޕްރެކްޓިސް ހުއްޓާލަން ޖެހުނީ އެވެ.
ރާއްޖޭގެ ގައުމީ ޓީމު ޔޫއޭއީއާ އެކު މެޗުތަކެއް ކުޅެން ވަނީ މަޝްވަރާކޮށްފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން "މިހާރަ"ށް ވިދާޅުވީ މެޗުތައް ކުޅޭނެ ސީދާ ތާރީހެއް ކަނޑައެޅުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ތާރީހުތައް ކަނޑައެޅޭނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވި ދަތުރު ފަތުރު ކުރުމުގެ ހުއްދަތައް ފަސޭހައިން ލިބެން ފެށުމުން ކަމަށެވެ.