ކޮވިޑް ޖެހިފައި ހުއްޓާ ވީޑާ މެޗެއް ކުޅެފި
ކޮވިޑް ޖެހިފައި ހުއްޓާ ވީޑާ މެޗެއް ކުޅެފި

އިސްތަންބޫލް (ނޮވެމްބަރު 12) - ކްރޮއޭޝިއާގެ ޑިފެންޑަރު ޑޮމަގޯއި ވީޑާ ކޮވިޑް-19 ޖެހިފައި ހުއްޓާ ރޭ އެކުވެރިކަމުގެ މެޗެއްގައި ތުރުކީއާ ދެކޮޅަށް ފުރަތަމަ ހާފުގައި ކުޅެފި އެވެ.

ޔުއެފާ ޕްރޮޓޮކޯލްގެ ދަށުން ކޮންމެ މެޗެއްގެ ކުރިންނާއި ފަހުން ކޮވިޑަށް ޓެސްޓް ކުރެ އެވެ. އެ ގޮތުން ރޭގެ މެޗުގެ ކުރިން ހޯމަ ދުވަހު ކުރި ކޮވިޑް ޓެސްޓުން ވީޑާ ނެގެޓިވް ކަމަށް ދެއްކި ނަމަވެސް އިއްޔެ ހެނދުނު ކުރި ޓެސްޓުން ވީޑާ ވަނީ ޕޮޒިޓިވްވެފަ އެވެ.

ތުރުކީގެ އިސްތަންބޫލްގައި ރޭ ކްރޮއޭޝިއާއާ 3-3 އިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ވީޑާ ވަނީ ކުޅެފަ އެވެ. އުމުރުން 31 އަހަރުގެ ވީޑާ ފުރަތަމަ ހާފަށް ފަހު ބަދަލުކުރީ ޓެކްޓިކަލް ބަދަލެއްގެ ގޮތުގައި ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ވީޑާ ޕޮޒިޓިވްކަން ފުރަތަމަ ހާފް ނިމި ދެ ވަނަ ހާފް ފަށަން އުޅެނިކޮށް އެނގުނުއިރު، އޭރު ވީޑާ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ފިލިޕް އުރެމޮވިޗް އެވެ.

ތުރުކީގެ ބެސިކްޓާސް އަށް ކުޅެމުން އަންނަ ވީޑާ ޕޮޒިޓިވްވުމާ އެކު އޭނާ މިހާރު ގައުމީ ޓީމާ ވަކިން އިސްތަންބޫލުގައި ވަނީ އައިސޮލޭޝަނެއްގައި ބަހައްޓައިފަ އެވެ.

ކްރޮއޭޝިއާގެ އެފްއޭ އޮފިޝަލަކު ބުނީ ވީޑާ ޕޮޒިޓިވްކަން އެނގިހުރެ މެޗު ނުކުޅުވާ ކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ނެތުމުން އޭނާ އަށް ވެސް ކޮވިޑް ޖެހިފައި ހުރިކަން ނޭނގޭ ކަމަށެވެ. އެކަމަކު ނަތީޖާ ލިބުނުހާ އަވަހަކަށް ވީޑާއާ މެދު ކޮވިޑް ޕްރޮޓޮކޯލްގެ އުސޫލުގެ ތެރެއިން ހުރިހާ ފިޔަވަޅެއް އެޅި ކަމަށް އޮފިޝަލް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކުޅުނު ހުރިހާ ކުޅުންތެރިންނާއި ކްރޮއޭޝިއާ ސްކޮޑު ދެ ފަހަރެއްގެ މަތިން ކޮވިޑް އަށް ޓެސްޓްކުރަން ވަނީ ހަމަޖެހިފަ އެވެ.