12 ނޮވެމްބަރ 2020 - 09:46

ޕެރިސް (ނޮވެމްބަރު 12) - ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ޕޯޗުގަލް އިން 7-0 އިން އެންޑޯރާގެ މައްޗަށް ބޮޑު މޮޅެއް ހޯދިއިރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަމިއްލަ ދަނޑުގައި ފިންލެންޑް އަތުން 2-0 އިން ބަލިވެއްޖެ އެވެ.
ރޭގެ މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖަހައިދިނީ ޕެޑްރޯ ނެޓޯ، ޕައުލީނިއޯ، ރެނާޓޯ ސަންޗޭޒް، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޔާއޯ ފެލިކްސް އެވެ. އަނެއް ގޯލަކީ އެންޑޯރާގެ ގާސިއާ މިރަމޮންޓޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އަށް އަނިޔާގެ ސަބަބުން ރޭ އެންޑޯރާއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ވަގުތު އޮއްވައި މެޗަށް ފިޓްވެ އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވަނީ ގައުމީ ޓީމަށް 102 ގޯލު ހަމަކޮށްފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް އީރާންގެ ލެޖެންޑް އަލީ ދާއީގެ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ ދެން ބޭނުންވަނީ ހަތް ގޯލެވެ.
ބަދަލުތަކެއް ގެނެސްގެން ކުޅުނު ނަމަވެސް ނިސްބަތުން ވަރުގަދަ ޓީމަކާ އެކު ނުކުތް ފްރާންސަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ފިންލެންޑްގެ ފަރާތުން އޮގަނައިޒް ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ދެ ގޯލު ޖެހީ ފުރަތަމަ ހާފުގެ ތިން މިނިޓްގެ ތެރޭގަ އެވެ. އެ ގޮތުން ލީޑުނަގައިދިނީ މެޗުގެ 28 ވަނަ މިނިޓްގައި މާކަސް ފޯސް އެވެ. ދެ ވަނަ ގޯލު ޖެހީ 31 ވަނަ މިނިޓްގައި ޖޯނީ ކޯކޯ އެވެ. ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި އޮތް ފިންލެންޑުން ވަނީ ރޭގެ މެޗުން މޮޅުވުމުން ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ނެދަލެންޑްސް ދަނޑުގައި ރޭ އެ ޓީމުން ސްޕެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސާޖިއޯ ކަނަލެސްގެ ގޯލުން މެޗުގެ 18 ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ ޑޯނީ ވެން ޑަ ބީކް އެވެ. ޖަރުމަނުން ރޭ ކުޅުނު މެޗުން ވަނީ 1-0 އިން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ލޫކަ ވަލްޝިމިޑިޓް އެވެ.