11 ނޮވެމްބަރ 2020 - 22:46

ރިސޯޓު ސްޓާފުންގެ ތެރެއިން 140 މީހަކު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އެޖެންސީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު މީހުން ދިރިއުޅޭ 11 ރަށަކާއި 27 ރިސޯޓެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. ރިސޯޓުތަކުން 140 މުވައްޒަފުން އަދި 54 ޓޫރިސްޓުންނަށް ބަލި ޖެހިފައި ވެ އެވެ.
ކޮވިޑްގެ ބަލި މީހުން މިހާރު ތިބީ، ހއ. ކެލާ، ހދ. ހަނިމާދޫ، ހދ. ނޭކުރެންދޫ، ށ. ކޮމަންޑޫ، ބ. ފުޅަދޫ، ކ. ހުރާ، ކ. މާފުށީ، ލ. ހިތަދޫ، ގދ، ނަޑެއްލާ، ގދ. ހޯޑެއްދޫ އަދި ސ. ފޭދޫަގަ އެވެ. އެ ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވް 16 މީހުން އެބަތިއްބެވެ. އެންމެ ގިނަ މީހުން ތިބި މާފުށީގަ އެވެ. އެއީ ފަސް މީހުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،176 ސާމްޕަލް ޓެސްޓުކުރިއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 29 މީހުންނެވެ. އެއީ 17 ދިވެހިންނާއި ރާއްޖެއިން ބޭރުގެ 12 މީހުންނެވެ. އަލަށް ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން 22 މީހަކާއި ރަށްރަށާއި ރިސޯޓުތަކުން ހަތް މީހެކެވެ. އެއާއެކު ރާއްޖެއިން ފެނުނު ކޮވިޑްގެ ކޭސްތަކުގެ އަދަދު 12،059 އަށް އެރީ އެވެ.
އެ ބަލިން 17 މީހަކު ރަނގަޅުވެފައިވާތީ މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ 812 މީހުންނެވެ. ކޮވިޑުގައި މިހާތަނަށް 41 މީހުން ވަނީ މަރުވެފަ އެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 49 މީހަކަށް ފަރުވާދޭއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 222 މީހުން އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.