11 ނޮވެމްބަރ 2020 - 21:40

ތ. ތިމަރަފުށީގައި ވެއްޓުނު ފާރެއްގެ ދަށުވި ހާލު ސީރިއަސްވި މީހަކު މިރޭ މާލެ ފޮނުވާލައިފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އަރިއަޅާލާފައި އޮތް ފާރެެއް މަރާމާތުކުރުމުގެ ތެރޭގައި ވެއްޓި އަނިޔާވީ 41 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާ އެ މަސައްކަތުގައި އުޅުނީ ބަޔަކާ އެކީގަ އެވެ.
މެންދުރު ފަހު ހިނގި ހާދިސާގައި ޒަހަމްވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ތިމަރަފުށީ ސިއްހީ މަރުކަޒުންނެވެ. ނަމަވެސް އިތުރު ފަރުވާ ދިނުމަށް ހަވީރު ވޭމަންޑު އަށް ގެންދިޔަ އެވެ.
ވޭމަންޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ފިރިހެން މީހާގެ ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށެވެ. އިތުރު ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި މާލެ ފޮނުވާލީ ކަމަށް ވިދާޅުވި އެވެ.