ވިލާ ކޮލެޖުން ޝަރީއާގެ ދެ ފޮތަކާއި ކޮލެޖުގެ ރިސާޗު ޑައިޖެސްޓް ނެރެފި
ވިލާ ކޮލެޖުން ޝަރީއާގެ ދެ ފޮތަކާއި ކޮލެޖުގެ ރިސާޗު ޑައިޖެސްޓް ނެރެފި

ވިލާ ކޮލެޖުން ޝަރީއާގެ ދެ ފޮތަކާއި ކޮލެޖުގެ ރިސާޗު ޑައިޖެސްޓް އިއްޔެ ލޯންޗުކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީއާގެ ދެ ފޮތް ލޯންޗުކޮށްދެއްވީ، ފޮތްތަކުގެ މުސައްނިފް އިބްރާހިމް ރަޝީދު މޫސާ އެވެ. ލޯންޗުކުރި ފޮތްތަކަކީ ފަސޭހަ ނެރުން، ތަރިކައަށް ވަނުން އަދި އާއިލާއާ ބެހޭ ފިގުހެވެ. ވިލާ ކޮލެޖުގެ ރިސާޗު ޑައިޖެސްޓް ނެރެދެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

ޑރ. އަންވަރު ވިދާޅުވީ އެފަދަ ފޮތްތަކުން ކުދި ބޮޑު އެންމެންނަށް ވަރަށް އަގުހުރި މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ. ވިލާ ކޮލެޖުން ހުއްޓުމެއް ނެތި އަބަދު ވެސް އެފަދަ އިލްމީ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ޑރ. އަންވަރު ދެއްވި އެވެ.

ވިލާ ކޮލެޖުގެ ރިސާޗު އިންސްޓިޓިއުޓުގެ ޑީން ޑރ. އަހުމަދު ޝާހިދު ވިދާޅުވީ ރާއްޖޭގައި ދިރާސާކުރުމުގެ ސަގާފަތް އަދި ވެސް އިތުރަށް ފުޅާކުރަންޖެހޭ ކަމަށެވެ. އެފަދަ ރިސާޗު ޑައިޖެސްޓަކީ ދަރިވަރުންނާއި އެކަމަށް ޝައުގުވެރިކަން ހުންނަ އެންމެންނަށް ނުހަނު ބޭނުންތެރި އަދި ދިރާސާކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ފަދަ ފޮތެއްކަން ފާހަގަކުރެއްވި އެވެ.

އެ ތިން ފޮތް ވިލާ ކޮލެޖުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.