ޓްރަމްޕް ބަލި ގަބޫލް ނުކުރެއްވުމަކީ މާޔޫސްކަމެއް: ބައިޑެން
ޓްރަމްޕް ބަލި ގަބޫލް ނުކުރެއްވުމަކީ މާޔޫސްކަމެއް: ބައިޑެން

ވޮޝިންޓަން (ނޮވެމްބަރު 11) - މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ގަބޫލް ނުކުރެއްވުމަކީ ބޮޑު މާޔޫސްކަމެއް ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ވިދާޅުވީ ޓްރަމްޕް ކިތަންމެ ވަރަކަށް ހުރަސް އެޅުއްވި ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ ކަންކަން ނުހުއްޓުވޭނެ ކަމަށެވެ.

ޓްރަމްޕް ބަލި ގަބޫލްކުރައްވަފާނެހެން ހީވޭތޯ ރިޕޯޓަރަކު އަންގަރާ ދުވަހު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ އެގޮތަށް ކަންކުރެއްވުމަކީ ބޮޑު މާޔޫސް ކަމެއް ކަމަށެވެ.

ވެރިކަން ބަދަލުކުރުމުގެ ކަންކަން ކޯޑިނޭޓްކުރާ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަނުން ވެސް ގެންދަނީ ބައިޑަން އަށް އޮފީސް ޖާގަ ދިނުމަށް ދެކޮޅު ހަދަމުންނެވެ. ބައިޑަން ވިދާޅުވީ އެ ގޮތަށް ކަންތައް ކުރެއްވި ނަމަވެސް އެމަނިކުފާނުގެ މަސައްކަތަށް މަޑުޖެހުމެއް ނާންނަ ކަމަށެވެ.

އަނެއްކޮޅުން ޓްރަމްޕް ވަނީ އެންމެ ފަހުން މޮޅުވާނީ އެމަނިކުފާން ކަމަށް ވިދާޅުވެ ކެޕިޓަލް އަކުރުން ޓްވީޓެއް ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ބައިޑަން މޮޅުވިކަން އިއުލާންކޮށްފައި ވަނީ ޓީވީތަކުން ކަމަށެވެ. އެކަމަކު ކޮންމެ އަހަރެއްގެ އިންތިޚާބުގައި ވެސް ޓީވީތަކުން ޕްރޮޖެކްޝަންތައް އިއުލާން ކުރަނީ އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓެއް ގާތްގަނޑަކަށް ޔަގީންވުމުންނެވެ.

އެމެރިކާގެ އެއްވެސް ސްޓޭޓަކުން އިންތިޚާބުގެ ނަތީޖާތައް އަދި ސެޓިފައިކޮށްފައެއް ނުވެ އެވެ. ބައެއް ސްޓޭޓްތަކުގެ ވޯޓު ގުނުން އަދިވެސް ދަނީ ކުރިއަށެވެ. އިންތިޚާބުގެ ނަތީޖާ މުޅިން ކަށަވަރުވާނީ އިލެކްޓޯރަލް ކޮލެޖުން ޑިސެމްބަރު 14 ވަނަ ދުވަހު ބައްދަލު ކުރުމުންނެވެ.