އެންމެ ފަހުން ކާމިޔާބުވާނީ އަޅުގަނޑުމެންނަށް: ޓްރަމްޕް
އެންމެ ފަހުން ކާމިޔާބުވާނީ އަޅުގަނޑުމެންނަށް: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 11) - އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމުނުތާ ހަފުތާއެއްހާ ދުވަހު "ހަނު ހުންނެވުމަށް" ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް މި ވަނީ އަނެއްކާ ވެސް އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވައި، އެމަނިކުފާން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން 279 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަށަވަރުކޮށް، އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ޔަގީންވެފައިވާ އިރު ވެސް ޓްރަމްޕް ގެންދަވަނީ މޮޅުވާނީ އެމަނިކުފާން ކަމަށް ވިދާޅުވެ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާތަކަށް ހުރަސް އަޅުއްވަމުންނެވެ. އެންމެފަހުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންނަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާ ކަމަށާއި އަންނަ ހަފުތާގައި ނަތީޖާތައް ލިބެން ފަށާނެ" ކަމަށެވެ.

ޓްރަމްޕުގެ މި މެސެޖަކީ އިންތިޚާބުގެ ބަލި ގަބޫލް ނުކުރައްވައި، ގޮތުގައި ހުންނެވިކަމުގެ ހެއްކެކެވެ. ޓްރަމްޕުގެ ފަރާތުން މިހާރު ވަނީ އިންތިޚާބުގެ ބައެއް މައްސަލަތައް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު ރަސްމީ އިވެންޓްތަކެއް ޓްރަމްޕް ބާއްވަވައިފައެއް ނުވެ އެވެ. ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން ޓީވީތަކުން އިއުލާން ކުރެއްވި އިރު ވެސް ޓްރަމްޕް އުޅުއްވީ ގޮލްފް ކުޅުއްވުގަ އެވެ.

ޓްރަމްޕަށް ވަފާތެރި ބޭފުޅެއް ކަމަށްވާ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ގާނޫނީ" ކޮންމެ ވޯޓެއް ގުނައިފި ނަމަ ޓްރަމްޕުގެ ދެ ވަނަ ދައުރު ފެށޭނެ ކަމަށެވެ.