11 ނޮވެމްބަރ 2020 - 10:58

ޑެލަވެއާ (ނޮވެމްބަރު 11) - ވެރިކަން ބަދަލު ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ފެޑަރަލް ފަންޑިން އާއި އޮފީސް ޖާގަ ހަމަނުޖައްސާތީ ގާނޫނީ ފިޔަވަޅު އަޅަން ހުށަހަޅާނެ ކަމަށް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަންގެ ޓީމުން ބުނެފި އެވެ.
ވެރިކަން ބަދަލުކުރުމުގެ ކަންކަން ހަމަޖައްސާނީ ފެޑެރަލް އެޖެންސީއެއް ކަމަށްވާ ޖެނެރަލް ސާވިސަސް އެޖެންސީ (ޖީއެސްއޭ) އިންނެވެ. އެ ތަނުގެ ވެރިއަކަށް ހުންނަވަނީ ރައީސް ޑޮނަލްޓް ޓްރަމްޕް އައްޔަންކޮށްފައިވާ ފަރާތެއް ކަމަށްވާ އެމިލީ މާފީ އެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދެވޭނީ ކަމާގުޅުން ހުރި ލިޔުންތަކުގައި މާފީ ސޮއިކުރެއްވުމުންނެވެ. ނަމަވެސް އޭނާ މިހާތަނަށް ވެސް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުން މޮޅުވި ފަރާތެއް ޔަގީންކަމާ އެކު އިއުލާންކޮށްފައި ނުވާ ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އޭރުގެ ރައީސް ބަރަކް އޮބާމާ ވަނީ ވައިޓް ހައުސް އަށް ޓްރަމްޕަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް ޓްރަމްޕުގެ ފަރާތުން އެފަދަ ދައުވަތެއް ބައިޑަން އަށް ދެއްވައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލް ނުކުރައްވައި، ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަތައް ހަޅުއްވަމުންނެވެ.