01 ނޮވެމްބަރ 2016 - 19:00

މިއުނިކް (ނޮވެމްބަރު 1) - ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑް ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ފުޓްބޯޅަ ކުޅުން ހުއްޓާލައި ޖަރުމަނުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރަން ނިންމައިފި އެވެ.
މިދިޔަ ސީޒަނުގައި ލާޒިއޯ އަށް ކުޅުމަށް ފަހު އުމުރުން 38 އަހަރުގެ ކްލޯސާ ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ. ކްލޯސާ ބުނީ ކުޅުން ކުރިއަށްގެންދިއުމާ މެދު ވިސްނި ކަމަށާއި އެހެން ނަމަވެސް ނިންމުން ބަދަލުކުރީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ކަމަށެވެ.
"ކްލަބް ފުޓްބޯޅަ އަށް ވުރެން ބޮޑަށް އަހަރެން ފާހަގަވެފައިވާނީ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި. ފުޓްބޯޅަ ކުޅުން ކުރިއަށްގެންދަން ވަރަށް ވިސްނިން. އެކަމަކު ވިސްނުން ބަދަލުކުރީ ގައުމީ ޓީމަށް އެހީތެރިވެދޭން. ކޯޗިން ކެރިއަރު ކުރިއަށް ގެންދަން ބޭނުންވެފައި ހުރުމުން ރިޓަޔާކުރީ،" ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ކްލޯސާ ބުންޏެވެ.
ޖަރުމަނު ފުޓްބޯޅަ އިދާރާއިން ބުނީ ކްލޯސާ ވަރަށް އަވަހަށް އޭނާގެ ކޯޗިން ލައިސަންސް ހޯދުމުގެ ޓްރެއިނިންތައް ފަށާނެ ކަމަށާއި އޭނާ އެކަން ކުރިއަށްގެންދާނީ ޖަރުމަނު ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ އެހީތެރިކަމާ އެކު ކަމަށެވެ.
ކްލޯސާ ވަނީ ޖަރުމަނު ގައުމީ ޓީމަށް 137 މެޗުން 71 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ތެރެއިން 16 ލަނޑު އޭނާ ކާމިޔާބުކުރީ ވޯލްޑް ކަޕް މެޗުތަކުގަ އެވެ. ކްލޯސާ އޭނާ ކެރިއަރުގައި ކުޅެފައިވަނީ ފަސް ކްލަބަކަށެވެ. އެއީ ޖާމަނީގެ ހަތަރު ކްލަބް ކަމަށްވާ ހޮމްބާގާއި ވާޑާ ބްރެމެން، ކައިސަސްލައުޓެން އަދި ބަޔާން މިއުނިކް އެވެ. އޭނާ އެންމެ ފަހުން ފެނުނީ އިޓަލީގެ ލާޒިއޯ އިންނެވެ.