އެމެރިކާ އަންހެން ކެޕްޓަން މެންޗެސްޓާ ޔުނައިޓެޑަށް ފާޑުކިޔައިފި
އެމެރިކާ އަންހެން ކެޕްޓަން މެންޗެސްޓާ ޔުނައިޓެޑަށް ފާޑުކިޔައިފި

ނިއުޔޯކް (ނޮވެމްބަރު 11) - އަންހެން ފުޓްބޯޅަ އަށް މެންޗެސްޓާ ޔުނައިޓެޑުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ އެ ޓީމަށް އެމެރިކާ ގައުމީ އަންހެން ޓީމުގެ ކެޕްޓަން މޭގަން ރެޕީނޯ ފާޑުކިޔައިފި އެވެ.

އެންމެ ފަހުން ބޭއްވި ފީފާ އަންހެން ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރި ރެޕީނޯ ބުނީ އިންގްލެންޑާއި އެމެރިކާ އޮތީ އަންހެން ފުޓްބޯޅަ އަށް ބަލާއިރު އެއް ހަަމައެއްގައި ކަމަށާއި މައްސަލަ އަކީ އިވެންޓްސްކުރާނެ މާ ގިނަ ބަޔަކު ނެތުން ކަމަށެވެ.

ފީފާއިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 35 އަހަރުގެ ރެޕީނޯ ބުނީ ޔުނަައިޓެޑް ކަހަލަ ފުޓްބޯޅައިގެ ކާމިޔާބު ޓީމެއް އަންހެން ފުޓްބޯޅަ އަށް ސަމާލުކަމެއް ނުދީ އޮތުމަކީ ލަދުވެތި ކަމެއް ކަމަށާއި އޭގެން އެނގޭ ކަމަކީ މަޝްހޫރު ކްލަބްތަަކުން ވެސް އަންހެން ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތުކަން ކުޑަކަން ކަމަށެވެ.

"މިއީ 2020. ކިހާ ދުވަހެއްވީ އިނގިރޭސި ޕްރިމިއާ ލީގު ކުޅޭތާ؟ އަހަރެމެންނަށް އިހަކަށް ދުވަހަކު މި ފެނުނީ މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ބޮޑު ޓީމަކުން އަންހެން ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކޮށް ފައިސާއެއް ހަރަދުކުރާތަން. ހަގީގަތަށް ވިސްނާއިރު އެއީ ލަދުވެތި ކަމެއް،" ރެޕީނޯ ބުންޏެވެ.

އެމެރިކާގެ އަންހެން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ދާދި ފަހުން އިނގިރޭސި ކްލަބްތަކާ ގުޅިފަ އެވެ. އެ ގޮތުން ޓޯބިން ހީތު އާއި ކްރިސްޓެން ޕްރެސް ޔުނައިޓެޑަށް ސޮއިކުރިއިރު، ރޯސް ލަވޭލް އާއި ސޭމް މިއުވިސް ވަނީ މެންޗެސްޓާ ސިޓީ އަށް ބަދަލުވެފަ އެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ އަންހެން ތަރި އަލެކްސް މޯގަން ވަނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅިފަ އެވެ. ރެޕީނޯ ބުނީ އިންގްލެންޑްގެ މަަޝްހޫރު ޓީމުތަކުން އެމެރިކާ އަންހެން ކުޅުންތެރިން ފެނުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޔުނައިޓެޑުގެ ނަމުގައި އެ ކްލަބްގެ އަންހެން ސަޕޯޓަރުންގެ ގްރޫޕަކުން އެންމެ ފުރަތަމަ އަންހެން ފުޓްބޯޅަ ޓީމެއްގެ ހަރަކާތްތައް ފެށީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ ޓީމު ވަރުގަދަ ވަމުން އައިސް 1989 ވަަނަ އަހަރު އެ ސަރަހައްދުގައި އަންހެނުންގެ ފުޓްބޯޅަ ލީގެއް ފެށި އެވެ. އެ ޓީމު ފަހުން 1990 ގެ އަހަރުތަކުގައި އެފްއޭ ނެޝަނަލް ލީގުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދަން ފެށުމުން ޔުނައިޓެޑުން އެ ޓީމަށް ކްލަބްގެ ރަސްމީ ހައިސިއްޔަތު ދިނީ 2001 ވަނަ އަހަރު އެވެ.

އެކަމަކު ރަސްމި ހައިސިއްޔަތު ދިންތާ ހަަތަރު އަހަރު ފަހުން އެމެރިކާގެ ގްލޭޒާ އާއިލާ އިން 2005 ވަނަ އަހަރު ޔުނައިޓެޑް ގަތްތާ ދެތިން މަސް ކުރިން ޔުނައިޓެޑުން ވަނީ އަންހެން ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލައިފަ އެވެ. އޭރު އެކަން އެގޮތަށް ކުރި އެންމެ ބޮޑު ސަބަބަކީ އަންހެން ފުޓްބޯޅަ އަށް ކުރަމުން އައި ހަރަދުތައް އަންހެން އަދި ފިރިހެން ޔޫތު ފުޓްބޯޅަ އަށް ބަދަލުކުރުމުގެ ގޮތުންނެވެ.

ޔުނައިޓެޑުން އަންހެން ފުޓްބޯޅަ އަށް އެނބުރި އައީ 2018 ވަނަ އަހަރު އެވެ. ފުރަތަމަ ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު، ފުރަތަމަ އަހަރުން ވަނީ ވިމެންސް ސުޕަ ލީގު (ފުރަތަމަ ޑިވިޝަން) އަށް ޕްރޮމޯޓްވެފަ އެވެ. ސުޕަ ލީގުގައި ޔުނައިޓެޑް ވާދަކުރި ފުރަތަމަ ސީޒަން ނިންމާލީ ހަތަރު ވަނައިގަ އެވެ. ޔުނައިޓެޑަށް ހަތަރެއް ލިބުނީ ކޮވިޑް-19ގެ ސަބަބުން ސީޒަން އަވަހަށް ނިންމާލަން ބެލިއިރު، ޕޮއިންޓް ޕާ މެޗު ބޭސިސް އިން މަގާމުތައް ކަނޑައެޅިއިރު އެވެ. މި ފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ޔުނައިޓެޑް އޮތީ ލީގުގެ އެއް ވަނައިގަ އެވެ.