ކޮވިޑް ޖެހިގެން މިއަދު މަރުވީ ކިޑްނީ ބަލީގެ މީހެއް
ކޮވިޑް ޖެހިގެން މިއަދު މަރުވީ ކިޑްނީ ބަލީގެ މީހެއް

ކޮވިޑް-19އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވި 45 އަހަރުގެ މީހާއަކީ ކިޑްނީ ބަލީގެ މީހެއްކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ.

ލ. ފޮނަދޫ، ސުހާނާ އަބްދުއްރަޝީދު މަރުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރު އެވެ.

އޭނާގެ އާއިލާއިން ބުނިގޮތުގައި ކުރިން މާ ބޮޑު ބައްޔެއް ފާހަގަވެފައިނުވާ ސުހާނާއަށް ކޮވިޑް-19 ޖެހުނީ، ކިޑްނީ ފެއިލް ވެގެން ޑަޔަލަސިސް ހެދުމަށް މާލޭގައި ހުއްޓަ އެވެ.

"ދައްތަގެ ކިޑްނީ ފެއިލްވިކަން އެނގުނީ ވެސް މިދިޔަ މަހުގެ ތެރޭގައި. އެހެންވެ، ޑަޔަލަސިސް ހެދުމަށް މާލެ ގޮސް ފަރުވާ ހޯދަމުން ދަނިކޮށް ކޮވިޑް ޖެހުނީ،" ސުހާނާއަށް ދައްތަ ކިޔާ، އޭނާގެ އާއިލާގެ މީހަކު ބުންޏެވެ.

"މާލެ ގޮސް މާގިނަ ދުވަހެއް ނުވެ ކޮވިޑް ޖެހިއްޖެ،" އާއިލާގެ މީހަކު ބުންޏެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ސުހާނާ މަރުވި އިރު، ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ކޮވިޑް-19ގެ ހައި ރިސްކުގެ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުން ހިމެނެ އެވެ. މި ބަލީގައި މަރުވި ދިވެހިންގެ ތެރޭގައި ކެންސަރާއި ހިތުގެ ބައްޔާއި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 41 މީހުން މަރުވެފައިވާއިރު، ސުހާނާ އަކީ މަރުވި ދިވެހިންގެ ތެރެއިން ދެ ވަނައަށް އެންމެ ޒުވާން މީހާ އެވެ. އުމުރުން 41 އަހަރުގައި އެންމެ ހަގު މީހާ މަރުވެފައިވަނީ، މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އޭނާ އަކީ ވެސް ސިއްހީ އެހެން މައްސަލަތަކާ ހެދި ދާއިމީކޮށް ބޭސްކުރާ މީހެކެވެ.