10 ނޮވެމްބަރ 2020 - 18:08

ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ 45 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެނިކޮށް އެ މީހާ މަރުވީ މިއަދު މެންދުރު 2:38ގަ އެވެ. މިއީ މި ބަލީގައި ރާއްޖޭން މަރުވި 41 ވަނަ މީހާ އެވެ.
މުޅި ދުނިޔެއިން ވެސް ގިނަ ބަޔަކު މަރުވެފައިވާ ކޮވިޑް-19ގައި ދިވެހިންގެ ތެރެއިން މިހާތަނަށް މަރުވި މަދު މީހަކު ފިޔަވައި އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. މަރުވި އެންމެ ހަގު މީހާއަކީ ވެސް އެހެން ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
ރާއްޖޭން މިހާތަނަށް ވަނީ 12,009 މީހަކަށް ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވެ މިހާރު ތިބީ ބަލީގެ ހާހަކަށް ވުރެ މަދު މީހުންނެވެ.
ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ ދަށްވަމުންނެވެ. އެއާއެކު ކާފިއު ހިންގާފައި އޮންނަ ގަޑި މަދުކޮށް، ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ހުންނަ ވަގުތު ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު އެޗްޕީއޭގެ އިލްތިމާސްއަކީ އަދިވެސް ސަމާލުވެގެން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމެވެ.