10 ނޮވެމްބަރ 2020 - 18:04

ށ. ކޮމަންޑޫ ކައުންސިލްގެ ރައީސް، މުހައްމަދު މުފީދު ސިފަކުރެއްވި ގޮތުގައި ދުވަހަކު ވެސް އޭނާ އެ ފަދަ ބާރުގަދަ ގުގުރިއެއްގެ އަޑެއް ނާއްސަވަ އެވެ. އޭނާއެކޭ އެެއްގޮތަށް، ކޮމަންޑޫގެ ގިނަ ބަޔަކަށް އެ އަޑުން ސިހުން ލިބުނެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނުވައެއް ޖަހާކަށްހާއިރު، ގަދަ ވިދުވަރަކާއެކު ޖެހި ގުގުރީ އަޑުގެ ސަބަބުން ރަށުގެ ދެ މީހަކު ހޭނެތިގެން ވެއްޓި ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. ރަށުން ކަރަންޓު ކެނޑި، ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވި އެވެ.
އެއީ ކުއްލިއަކަށް ޖެހި ބާރުގަދަ ހަމަ އެންމެ ގުގުރިއެކެވެ.
"ވަރަށް ވަރަށް ބާރުގަދަ ގުގުރިއެއް އެއީ. ރަށުގެ ގިނަ ބަޔަކަށް ސިހުން ލިބުން. ބިރު ގަތް،" މުފީދު ވިދާޅުވި އެވެ.
ގުގުރީގެ އަޑަށް ޝޮކު ޖެހި، ހޭނެތުނީ އޭރު މަގުމަތީގައި ތިބި ދެ އަންހެނެކެވެ. އުމުރުން 50 އަހަރުގެ އަންހެނަކާއި ޒުވާން އަންހެން މީހާއަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި، ގަޑިއެއްހާއިރު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.
އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި އެކަކު ހޭނެތިގެން ވެއްޓުނު އިރު، އިނގިލި ވިދި ރެނދުލި އެވެ.
ބާރުގަދަ ގުގުރީގެ އަޑުން ކޮމަންޑޫ ސިއްސުވާލި އިރު، ކުއްލިއަކަށް ކަރަންޓު ކެނޑި މުޅި ރަށް އަނދިރިވުމަކީ ބައެއް މީހުން އިތުރަށް ބިރުގަތް ކަމެކެވެ.
"ބޭރުގައި ތިބި ބައެއް މީހުންނަށް ފެނުނު، އަލިގަނޑެއް ރަށުތެރެއަށް ވެއްޓުނު ތަން ވެސް. ލަފާ ކުރެވޭ ގޮތުން ހޮނު އެޅީ އެ. އަޑުގަދަ ވެގެން ކުޑަކުދިން ރޯން ފެށިއިރު، މިއީ އަދި ދުވަހަކު ވެސް ނުދެކޭ ފަދަ މަންޒަރެއް،" ކޮމަންޑޫގެ މީހަކު ބުންޏެވެ.
"އެކަމަކު ނަސީބަކުން ފަހުން އިތުރު ކަމެއް ދިމައެއް ނުވޭ،"
މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުން، އުތުރުގެ އަތޮޅުތަކަށް މި ވަގުތު މޫސުން ގޯހެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާއިރު ކަނޑުދަތުރު ކުރުން ވެސް މި ވަގުތު ރައްކަލެއް ނޫނެވެ.